ENGLISH
12 ސެޕްޓެމްބަރު 2025
ރައްޔިތުންގެ ލުއި ފަސޭހައަށް ސަރުކާރުން ކޮށްދިން އެންމެ ކަމެެއް؛ ޙައްޖުވެރީންނަށް ފަހިކޮށްދިން ލުއިތައް
03 ޖޫން 2025
|
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޙައްޖުވެރިއަކާއި ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އިދިކޮޅު ފަރާތްތަކުން އަބަދުހެން އުފައްދާ އެއް ސުވާލެއް އޮވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތަކަށް ފަސޭހަވާ ގޮތަށް ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ ސުވާލު ގޯހެއްނޫނެވެ. އެ ސުވާލު އުފެއްދުމަކުން މައްސަލައެއްވެސް ނެތެވެ. އެކަމަކު އެ ސުވާލަށް ދޭނެ އެޔައް ޖަވާބެއް ފާޅުކޮށް ފެންނަން އޮތް އިރުވެސް އޮޅުވާލަނީއެވެ. ފެންނަ ކަމަށްވެސް ނުހަދަނީއެވެ. މައްސަލައަކަށްވާ ހިސާބަކީ އެއީއެވެ.
މާދިގު ލިސްޓަކަށް ދާކަށް ނެތީމެވެ. އެވަރުގެ ލިސްޓެއް ކިޔާލާނެ ވަގުތެއް ނޯންނާނެ ކަންވެސް އެނގެއެވެ. އެހެންވެ މިފަހަރު މި ކިޔައިދެނީ އެ ލިސްޓުން ހަމަ އެންމެ ކަމެއްގެ ވާހަކައެވެ. ތަންކޮޅެއް ޒުވާނުންގެ މެދުގައި މަޝްހޫރު ލަވައެއްގައި ބުނާހެން މިއީ އަދި ކޯރެއްގެ ކޯވަރެކެވެ.
ދައްކަން މިއުޅެނީ ދިވެހި ޙައްޖާޖީންނަށް ސަރުކާރުން މިފަހަރު ހަމަޖައްސައިދިން ލުއިތަކުގެ ވާހަކައެވެ. އެންމެ ފުރަތަމަ ފަށާނީ މިއަހަރު ހައްޖަށް ދެވޭނެ މީހުންނަކީ ކޮބައިކަން ސަރުކާރުން ކަނޑައެޅި ހިސާބުންނެވެ. ފައިސާދެއްކުމަށްފަހު އެތައް އަހަރެއް ވަންދެން އިންތިޒާރުގައި ގިނަ ބަޔަކު ތިބުމަކީ އެހެން ސަރުކާރުތަކަށް މައްސަލައަކަށް ނުވިޔަސް މި ސަރުކާރުން އެކަން ނެގީ ސީރިއަސްކޮށެވެ. އެއާއެކު ހައްޖަށް މީހުން ގެންދިއުމުގައި އަމަލުކުރާ އުސޫލަށް ބަދަލުގެނެސް މިއަހަރު ހައްޖަށްދެވޭނެ ކަމަށް ކުރިން އަންގާފައި އޮތް އެންމެން މިއަހަރު ހައްޖަށް ފޮނުވޭނެކަން ސަރުކާރުން ކަށަވަރުކުރިއެވެ. އެއާއެކު އިންތިޒާރު ދިގުލައިގެން ހިނގައިދާނެ ކަމުގެ ނުތަނަވަސްކަމުގައި ތިބި އެތަށް ބަޔަކަށް ހިނިތުންވުން ގެނެސްދިނެވެ.
ދެން އައީ ޑޮލަރު ހޯދުމުގައި ކުރިމަތިވެފައި އޮތް ދަތިކަން ހައްޖުވެރިން އުފަލަން ނުޖެހޭނެ ގޮތަށް ސަރުކާރުން ގެނައި ބަދަލެވެ. ކޮންމެ ހައްޖާޖީއެއްގެ ވިސާ ޑެބިޓް ކާޑުގެ ލިމިޓް 250 އިން 2000 ޑޮލަރަށް ބެންކް އޮފް މޯލްޑިވްސް އިން ބަދަލުކުރީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށެވެ. މި މުހިންމު ނިންމުމާއެކު ހައްޖާޖީންގެ އެންމެ ބޮޑު އެއް ބޮލުގެ ރިހުން އެއްކޮށް ކަހަލަ ގޮތަކަށް ފިލައިގެންދިޔައެވެ. އެތަށް ހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެ މަގު ތަނަވަސްވުން ވީ އެމީހުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.
އެއަށްފަހު ދެން އައީ ހުރިހާ ހައްޖާޖީންނަށްވެސް އެންމެ ބޮޑު އުފާވެރިކަމެއް ގެނުވި އެއް ވާހަކައެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އާއެކު ދިވެހި ހައްޖާޖީންނަށް ލިބޭނެ ބޮޑު ފަސޭހައިގެ ވާހަކައެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. ހަމަ ހުރެފަ ވީ ކަމެއް ނޫނެވެ. ގޮނޑުދޮށަށް ލައްގާ މާވަހަރުހެން ލެއްގި ނަސީބެއްވެސް ނޫނެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ފޮނި ނަތީޖާއެވެ.
އެހެން މިދަންނަވަންޖެހުނީ ސަބަބުތަކެއްވެސް ހުރެގެންނެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އަކީ ވަކި ޝަރުތުތަކެއް ހަމަވެގެން ނޫނީ ގައުމުތަކަށް ސައޫދީ ސަރުކާރުން ނުދޭ ފުރުސަތެކެވެ. އެ ގައުމަކުން ހައްޖައްދާ މީހުންގެ އަދަދު އަހަރަކު 10،000 އަށްވުރެ މަތިވުމަކީ އޭގެ ތެރެއިން އެއް ޝަރުތެވެ. ރާއްޖެ އެ ހިސާބަށް ދާނެ ދުވަހެއް ނުވެސް އިނގެއެވެ. އެކަމަކު އެނގޭ ކަމަކީ އެ ޝަރުތު އެހެން އޮތް އިރުވެސް ސައޫދީ ސަރުކާރުން އެ އިނިޝިއޭޓިވްގައި ރާއްޖެ ހިމެނީ ރައީސް ޑރ މުހާއްމަދު މުޢިއްޒުގެ ސަރުކާރާއި އޮތް ގުޅުން އާދައިގެ ގުޅުމަކަށް ނުވާތީ ކަމެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ހައްޖާޖީންނަށް ލިބުނު އެންމެ ބޮޑު ލުޔަކީ މާލެއިން ފުރައިގެން ގޮސް ޖިއްދާ އެއާޕޯޓަށް ފޭބުމާއެކު ދެން އެވާގޮތެވެ. ގާތްގަނޑަކަށް ހަގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ޖިއްދާ އެއާޕޯޓްގައި ކުރިން އެތައް ގަޑިއިރަކު މަޑުކުރަންޖެހޭ ގޮތަށް އޮތް އޮތުން މައްކާ ރޫޓް އިނިޝިއޭޓިވްއާއެކު ނިމުމަކަށް އައެވެ. މިފަހަރު ބޯޓުން ފޭބި ގޮތަށް ދިވެހި ހުރިހާ ހައްޖާޖީންވެސް މިސްރާބު ޖެހީ ސީދާ ހޮޓަލަށް ދާން ހަމަޖައްސާފައި އޮތް ބަހާ ދިމާއަށެވެ. ކިއުއެއްގައި ތިބޭކަށް ނުޖެހުނެވެ. ފޮށި ކޮބައިތޯ ބަލާކަށް އަމުދުން ނުވެސް ޖެހުނެވެ. މި ފަސޭހަ ވެހެންދިޔައީ ދިވެހި ހައްޖާޖީންގެ ހިޔާލަށްވެސް މީގެ ކުރިން އައިސްފައި ނެތްވަރުގެ ބޮޑު ފަސޭހައަކަށެވެ.
މި ހިސާބުން އަދި ނިމުނީއެއް ނޫނެވެ. މައްކާ މަދީނާ ފިޔަވައި ހައްޖާޖީން އެންމެ ގިނަ ދުވަސް ހޭދަކުރަންޖެހޭ އެއް މަންޒިލަކީ މިނާ އެވެ. އިހުރާމް ހެދުން އަޅައިގެން ތިން ދުވަސް ވަންދެން ފޭލިގޭގައި ތިބޭ އިރު އަބަދުވެސް ހައްޖާޖީންނަށް ދަތިތަކެއް ހުރެއެވެ. އެކަމަކު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ދިވެހި ހައްޖާޖީން މިނާގައި ތިބޭއިރު ލުއިފަސޭހަ ވާނެ އެތައް ކަމެއް ސައޫދީ ސަރުކާރުގެ އެހީތެރިކަމާއެކު ވަނީ ދިވެހި ސަރުކާރުން ހަމަޖައްސައިދީފައެވެ. މީގެ އިތުރުން މައްކާއިން މަދީނާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހައިސްޕީޑް ޓްރެއިންގައި ދަތުރުކުރެވޭނެ އިންތިޒާމް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ވަނީ ހަމަޖައްސައިފައެވެ. އަށް ގަޑިއިރުގެ ދިގު ދަތުރު ދެ ގަޑިއިރަށް ކުރުވެ ދަތުރު ދިގުވުމުގެ ސަބަބުން ހައްޖާޖީންނަށް އުފުލަންޖެހޭ ބުރައަށް ބޮޑު ލުއެއް ލިބުމަކީ ދިވެހި ހައްޖާޖީންނަށް މިފަހަރު ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމެކެވެ..
ދެން އޮތީ ހައްޖުވެރިންނަށް ސަރުކާރުން ހޯއްދަވައިދެއްވަމުން ގެންދަވާ ލުއިފަސޭހަތަކުގެ ތެރެއިން ފާހަގަވާ ވަރަށް މުހިންމު އެހެން ކަމެއްގެ ވާހަކަ އެވެ. ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމުގެ ވާހަކަ ރައީސް ޑރ މުޙައްމަދު މުއިއްޒު ދައްކަވަނީ ނަމެއްގައި ނޫންކަމެވެ. ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސް ތިބޭ ތިބުމުގައި ދިވެހި ހައްޖުވެރިންނަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް އެންމެ ފުރިހަމައަށް ފަރުވާދެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ސައޫދީގެ މަޝްހޫރު ހޮސްޕިޓަލަކާ ގުޅިގެން ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް މިފަހަރު ވަނީ ގާއިމުކޮށްފައެވެ. އެޑްމިޓްކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރެވޭނެ ވަސީލަތްތަކާއެކު އެވެ. މީގެ އިތުރުން ހައްޖުވެރިންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ ބޭސް ހިލޭ ލިބޭނެ އިންތިޒާމު މިހާރުވަނީ ސަރުކާރުން ހަމަޖައްސައިދީފައެވެ.
ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ދުވަސްތަކާ ބައްދަލުކުރުމުގެ ކުރިން ރޭ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ހައްޖާޖީންނާ ބައްދަލުވެސްކުރައްވައިފައއެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރު ހައްޖުވެރިންނަށް އިތުރު ލުއިތައް ލިބޭނެ ކަމުގެ ސުރުހީ އެމަނިކުފާނު ވަނީ އަޅުއްވާފައެވެ. ހައްޖަށް ދިއުމުގެ ކުރިން ހައްދަންޖެހޭ މެޑިކަލް އާއި ޖަހަންޖެހޭ ވެކްސިން މާލެ ނައިސް އެމީހަކު ދިރިއުޅޭ ރަށުގައި ތިބެގެން ފުރިހަމަކުރެވޭނެ އިންތިޒާމު އަންނަ އަހަރުން ފެށިގެން ހަމަޖައްސަވައިދެއްވާނެ ކަމަށް ރޭ ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެއަށް ހައްލު ހޯއްދަވައިދެއްވުމުގައި އެ މަނިކުފާނު އެ އުޅުއްވަނީ މާ ބޮޑަށްވެސް ކުރީގައެވެ.