ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ހައްޖުވެރިން މިރޭ މިނާއަށް ދަތުރު ފަށާނެ

03 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ހައްޖުވެރިން މިރޭ މިނާއަށް ދަތުރުފަށާނެ، ފޮޓޯ: މިހާރު

ދިވެހި ހައްޖުވެރިން މިރޭ މިނާއަށް ދަތުރު ފަށާނެ ކަމުގައި ހައްޖު މިޝަނުން ބުނެފިއެވެ. 

ހައްޖު މިޝަނުން މީސްމީޑިޔާ އެކައުންޓުތަކުގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މިވަގުތު ރާއްޖެއިން ހައްޖަށް ގޮސް މިވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފަށާނެ ކަމަަށެވެ. އަދި ހައްޖުވެރިން ދަތުރު ފަށާނީ މިރޭ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. 

އިތުރަށް ހައްޖު މިޝަނުން ބުނެފައިވަނީ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. 

މި އަހަރު ރާއްޖެއިން 1،000 މީހަކު ހައްޖަށް ގޮސްފައިވެއެވެ. ހައްޖުވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން އެދިގެން ސައުދީ އަރަބިއްޔާއިންވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިފަހަރު ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގައި މަޑުކުރަންނުޖެހި ހޮޓަލަށް ދެވޭނެ އިންތިޒާމު ހަމަޖެހުނެވެ. 

އޭގެ އިތުރަށް އަމިއްލައަށް އެއާޕޯޓުން ހޮޓަލަށް ލަގެޖު އުފުލަންނުޖެހޭ ގޮތަށް ހަމަޖައްސައި ހުރިހާ ލަގޭޖެއް ހައްޖުވެރިން ހޮޓަލަށް ދިއުމުގެ ކުރިން ގެންގޮސްދިނުމުގެ އިންތިޒާމުވެސް މައްކާ ރޫޓް އިނިޝިއޭޓިވްގެ ތެރެއިންވަނީ ހަމަޖައްސާފައެވެ. 

މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ރާއްޖެ ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއް ވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި ވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު