ENGLISH
05 ޖޫން 2025
ހައިވަކަރު ގަސްތަކުން ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ މަލަމަތި ނަލަކޮށްލަނީ
03 ޖޫން 2025
|
ލަންކާއިން ދިން ހައިވަކަރު ގަސްތައް ރިސޯޓުތަކަަށް ހަދިޔާކުރުން، ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
ދިވެހިރާއްޖެއަށް ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝޕްމެންޓު ލިބުމާއެކު އެ ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން އިއްޔެ ފަށާފައިވާ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ ދަށުން އެމަނިކުފާނު އިއުލާނުކުރައްވާފަައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ރިސޯޓުތަކަށް ހައިވަކަރު ގަސްތައް ބަހަން ފަށާފައިވާއިރު މިނިސްޓްރީން ބުނެފައިވާ ގޮތުން ރިސޯޓުތަކުގެ އިތުރަށް ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށްވެސް ހައިވަކަރު ގަސްތައް މިހާރުވަނީ ފޯރުކޮށްދީފައެވެ. އަދި ހައިވަކަރު ގަސް ބަހަނީ އެ ގަސް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.
ރިސޯޓުތަކަށް ހައިވަކަރު ގަސް ބަހަނީ ކޮންމެ ރިސޯޓަކަށް ދެ ގަހުގެ މަގުންކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އަދި މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުގައި ހައިވަކަރު ގަސް އިންދުން ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި މީޙުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ހައިވަކަރު ގަސް ބަހާނެކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި މަހުގެ ފަސްވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޕްރޮގުރާމް ކުރިއަށްގެންދާނެ ކަމަަށެވެ. މިހާތަނަށް ފަސް މިލިއަން ގަސް ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި 565،000 ގަސް އިންދާފަައިވެއެވެ.