ENGLISH
05 ޖޫން 2025
ފާއިތުވި މަހު ވައްކަމުގެ 300 އަށްވުރެ ގިނަ މައްސަލަ
03 ޖޫން 2025
|
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: ފުލުހުން
ފާއިތުވި މޭ މަހުގައި 300 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ހިދުމަތުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހު ފުލުހުންގެ ހިދުމަތަށް އެންމެ ގިނައިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އެ މަހުގައި 327 ވައްކަމުގެ މައްސަލަ އެ ހިދުމަތަަށް ހުށަަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަގުމަތީ ހިނގާފައިވާ ހާދިސާތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 269 މައްސަލަ ހުށަހެޅިފައިވެއެވެ.
ގެދޮރު ފަޅައިގެން ވައްކަންކުރުމުގެ 20 މައްސަލައެއް އަދި މާރާމާރީގެ 55 މައްސަލަައަކާއި، މަސްތުވާތަކެތީގެ 178 މައްސަލައަކާއި ހިޔާނާތުގެ 21 މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލައަކާއި ކައުންޓަފީޓްއާއި ފޯޖަރީގެ 4 މައްސަލައެއް އެ ހިދުމަތަށް މޭ މަހު ހުށަހެޅުނެވެ.
އެ ހިދުމަތުގެ ހިސާބުތައް ދައްކާ ގޮތުން މޭ މަހުގައި ޖިންސީ ކުށްތަކުގެ 25 މައްސަލައަކާއި ގެވެށި އަނިޔާގެ 16 މައްސަލައެއް އެ ހިދުމަތަށްވަނީ ހުށަހެޅިފައެވެ.
މުޅި މި އަހަރުވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މި އަހަރު ޖުމްލަ 1،294 ވައްކަމުގެ މައްސަލަ ހުށަހެޅިފައިވާއިރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަގުމަތީ ހާދިސާތަކުގެ މައްސަލަތެކެވެ. އެބާވަތުގެ 1،285 މައްސަލަ އެ ހިދުމަތަށް ހުށަހަޅާފައިވެއެވެ.
ތިންވަނައަށް އެންމެ ގިނައިން ފުލުހުންގެ ހިދުމަތަށް ހުށަހެޅުނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅޚުންހުރި 753 މައްސަލައެއް އެ ހިދުމަތަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ހުށަހެޅިފައިވެއެވެ. އަދި ޖިންސީ ކުށްތަކުގެ 102 މައްސަލައަކާއި ގެވެށި އަނިޔާގެ 101 މައްސަލަ ހުށަހެޅިފައިވެއެވެ.
ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ މައްސަލަތަކަށް ބަލައި އެ ހިދުމަތުން އަންނަނީ އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަންދު ދުވަސްވަރު މަގުތައް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އަބަދުވެސް އިތުރުކުރެއެވެ.