ENGLISH
03 ޖުލައި 2025
ޖާހުގެ ފުލެޓުތައް ނިންމުން އާރްސީސީއާ ހަވާލުކޮށްފި
03 ޖޫން 2025
|
ޖާހު ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ތަރައްގީކުރާ "ދަ ގާޑަންސް" ފޮޓޯ: ސަން
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު ޖާހު ކޮންސްޓަރަކްޝަނުން ހުޅުމާލޭގައި އަޅަން ފެށި "ދަ ގާޑަންސް" ހައުސިން މަޝްރޫއުގެ މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު މީޑިޔާތަކަށް މައުލޫމާތު ދިން ގޮތުގައި ޖާހު ކޮންސްޓްރަކްޝަނުން އަޅަން ފެށި ފުލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ މަޝްރޫއުގެ މަސައްކަތް ނިންމަން މިހާރު އާރްސީސީއާވަނީ ކޮންޓްރެކްޓުކުރެވިފައެވެ.
ޖާހު ކޮންސްޓްރަކްޝަނުން ފުލެޓުތަކުގެ މަސައްކަތް ނުނިންމާތީ މަސައްކަތް ނިންމުމަށް އެކި ފަހަރުގެ މަތިން ތަފާތު މުހުލަތުތައް ދިން ނަމަވެސް އެ މުހުލަތުތަކުގައި އެ ކުންފުންޏަށް މަސައްކަތް ނިންމިފައިނުވެއެވެ. މަސައްކަތް ނުނިމި ދިގުލައިގެންދާތީ މި އަހަރުގެ ޖަނަވަރީ މަހު އެ ކުންފުންޏާއެކު އެޗްޑީސީން ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ދޭންޖެހޭ ފަހު މަރުހަލާގެ ނޯޓިސް އެޗްޑީސީން ދީފައިވެއެވެ.
އެ ނޯޓިސްގައި ބުނެފައިވަނީ ނޯޓިސްގައި ބަޔާންކުރާ 45 ދުވަހުގެ ތެރޭގައި އެ މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނުނިންމައިފިނަމަ އެ މަޝްެރޫއުގެ އެއްބަސްވުން ބާތިލުކޮށް ޖާހު އިންވެސްޓުމެންޓު ޕްރައިވެޓް ލިމިޓެޑުގެ އަތުން އެ މަޝްރޫއު އަތުލާނެ ކަމަށެވެ.
އެޗްޑީސީންވަނީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށްފަހު ފުލެޓުތައް ނިންމުމަށް ރާވާފައިވާ ގޮތުގެ ތަފުސީލުތައް އެ ޕްރޮޖެކްޓުގެ ތެރެއިން ފުލެޓު ގަނެފައިވާ މީހުންނާ ހިއްސާކުރާނެކަމަށް ބުނެފައެވެ. މިގޮތަށް ޖާހާއެކު ހެދި އެއްބަސްވުން ބާތިލުކުރުމުގެ ބޭނުމަކީ ފުލެޓު ގަތް މީހުންނަށް ވީހާވެސް އަވަހަށް ފުލެޓުތަކާ ހަވާލުވެ އެތަންތަނަށް ވަނުމުގެ ފުރުސަތު ފަހިކުރުންކަމަށް އެ ކުންފުނިން ބުންޏެވެ.
އެއްބަސްވުން ބާތިލުކުރަން ނިންމުމާ ގުޅިގެން ޖާހުންވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި ވަގުތީ ގޮތުން އެ ބިމާއި އިމާރާތާ އެޗްޑީސީން ހަވާލުވުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެ ކުންފުނިން ކޯޓުގައި އެދުނު ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.