ENGLISH
03 ޖުލައި 2025
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ބައިސިކަލް ބޭނުންކުރެވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތްކުރާނެ: ރައީސް
03 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ބައިސިލަކް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ބައިސިކަލް ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، މީހުންގެ ދިރިއުޅުމާއި ތިމާވެށި ބަދަލުކޮށްލުމަށް ބައިސިކަލަށް ލިބިފައިވާ ބާރު ފާހަގަކުރުމަށް އިހުތިފާލު ފާހަގަކުރާ ދުވަހެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވީ ބައިސިކަލަކީ ފެހި ސިޓީތަކުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވޭނެ ތިމާވެއްޓާ ރަހުމަތްތެރި، ދެމެހެއްޓެނެވި، ހަރަދު ކުޑަ، އަދި އާދައިގެ ގޮތެއް ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ސިޓީތައް ބައިބޯވެ، އެތަންތަނުގައި ތޮއްޖެހުން ބޮޑުވާތީ، ސިޓީތަކުގައި އޮންނަ ދަތުރުފަތުރުގެ ނިޒާމުތަކާމެދު ވިސްނަންޖެހޭނެ ކަމަށެވެ. އަދި އެ ވިސްނުމާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީެއްގައި ތިމާވެއްޓާ ރަހުމަތްތެރި ބައިސިކަލުތައް ބޭނުންކުރެވޭނެ ގޮތްތައް ތަރައްގީކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ބައިސިކަލުގެ ދުވަސް ގޮތުގައި ފާހަގަކުރުމަށް ނިންމީ ދެ ގަރުނަށްވުރެ ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާ ބައިސިކަލުގެ ތާރީހާއި، އޭގެ ތަފާތުކަމާއި ދިގުކަމާއި ވިލުންތެރިކަން ފާހަގަކުރުމަށެވެ.
އެ ދުވަހުގެ މައިގަނޑު އެއް މަގުސަދަކީ ބައިސިކަލުގެ ފައިދާ ފާހަގަކޮށްދިނުމެވެ. އެގޮތުން ދަތުރުފަތުރުކުރުމުގެ އަގުހެޔޮ ސާފު އަދި ތިމާވެއްޓާ ރަހުމަތްތެރި ދެމެހެއްޓެނެވި ވަސީލަތެއްގެ ގޮތުގައި ބައިސިކަލުގެ ދައުރު ފާހަގަކުރުމަކީ މި ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު އެއް މަގުސަދެވެ.