ENGLISH
03 ޖުލައި 2025
ސްޓެލްކޯއިން މޭ މަހުގެ ބިލުތައް ތައްޔާރުކުރާނީ ލުއި ޓެރިފާ އެއްގޮތަށް
03 ޖޫން 2025
|
ފާއިތުވި މޭ މަހުގެ ކަރަންޓު ބިލުތައް ސްޓެލްކޯއިން ތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ އައު ޓެރިފުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަހަރުތަކެއް ވަންދެން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތަކާ ގުޅިފައި އޮތް ކަރަންޓު ޓެރިފް ރޭޓްގެ މައްސަލާގައި ވަޢުދުފުޅާ އެއްގޮތަށް ކަރަންޓު ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ނިންމެވުމާއެކު ހުރިހާ ބޭންޑެއްގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފަައިވެއެވެ. އެގޮތުން ރޭޓުތަކަށް ގެންނަވަން ރައީސް ނިންމެވި ބަދަލަކީ:
ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް
މިއަދު އެކްސްގައި ސްޓެެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޭ މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުތަކުގައި ކަމަށެވެ. އަދި މި ބިލާއެކު ކަރަންޓު ބިލުތައް ދެއްކުމަށް މިހާރު ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ޖޫން އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ފޮނުވާ ހުރިހާ ބިލެއްވެސް ތައްޔާރުކުރާނީ ރައީސް ޑރ.މުޢިއްޒު ނިންމެވި ގޮތަށް އައު ލުއި ޓެރިފުތަކަށް ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ރޭޓުތަކުގައި ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ޔަގީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަަށެވެ. އެގޮތުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.