ENGLISH
05 ޖޫން 2025
ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަން ހުޅުވައިފި
03 ޖޫން 2025
|
އޮސްޓްރޭލިއާގެ ހައި ކޮމިޝަން ހުޅުވުމަށް ރޭ ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާ
ރާއްޖޭގައި ގާއިމުކޮށްފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.
ހައި ކޮމިޝަން ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ. އެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.މާރިޔާ ވިދާލުވި ގޮތުގައި ހައި ކޮމިޝަން ހުޅުވުމަކީ ދެ ގައުމުގެ މެދުގައި އޮތް 50 އަހަރުވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމު މަރުހަލާއެއް ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އޮސްޓްރޭލިއާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމަކީ ތާރީހީ އަދި އިތުބާރު ހުރި ގުޅުމެއްގެ ގޮތުގައި ސިފަކުރައްވަމުން ވިދާޅުވީ އެގައުމުން މަތީ ތައުލީމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި ސިއްހީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އެގައުމުން ކޮންމެ އަހަރަކުވެސް ސްކޮލާޝިޕު ދިނުމަށް ހިންގާ އޮސްޓްރޭލިއަން އެވޯޑްސްގެ ދަށުން ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ހައި ކޮމިޝަނަކީ ހަމައެކަނި އިމާރާތެއް ނޫންކަމަށާއި، އެއީ އޮސްޓްރޭލިއާއިން ރާއްޖެއާމެދު ބަހައްޓާ ގާތްކަމާއި ރާއްޖެއަށް އެގައުމުން ކުރާ އިތުބާރުގެ ނިޝާނެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ޑރ.މާރިޔާ އިތުރަށް ވިދާޅުވީ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ ކުރިއަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ތަރައްގީވާނެ ސަބަބެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ދިފާއީ ވަޒީރު ރިޗަރޑް މާލްސް އާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް އަދި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނީ 1974 ވަނަ އަހަރުއެވެ. އޭގެ ފަހުން އޮސްޓްރޭލިއާއާއި ރާއްޖޭގެ މެދުގައި އެކި ދާއިރާތަކުން ގާތް ގުޅުމެއް ބާއްވާފަައިވާއިރު، އެ ގައުމަކީ ތައުލީމު ހާސިލުކުރުމަށާއި އެ ނޫން ކަންކަމަށްވެސް ގިނަ ދިވެހިން އުޅުނު ގައުމެކެވެ.