ENGLISH
05 ޖޫން 2025
މަސް ކިރުވި މިންވަރު %16.7 އަދި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު %64.7 މައްޗަށް
03 ޖޫން 2025
|
މަސްވެރިކަން ރަނގަޅުވަމުންދާއިރު، ސަރުކާރުންވަނީ މަސްވެރިކަން ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ފަށާފައި، ފޮޓޯ: ދައުރު
މަސް ކިރުވި މިންވަރާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު ފާއިތުވި އަހަރަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން އެމްއެމްއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 19،005.1 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތަކެވެ. މި އަހަރުގެ އެ މުއްދަތުގައި 31،300.1 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވެއެވެ. އެއީ 64.7 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ އެ މުއްދަތުގައި ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ތާޒާކޮށް އަދި ފިނިކޮށްގެންނާއި ގަނޑުކޮށްގެން ކަޅުބިލަމަސް ބޭރުކުރި މިންވަރެވެ. ނިމުނު އަހަރު 15،948 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކުރިއިރު މި އަހަރު 24،742 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ.
މަސް ބޭރުކުރި މިންވަރުގެ އިތުރަށް މަސް ކިރުވި މިންވަރުވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ކިރުވާފައިވަނީ 26،904 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް މަސް ކިރުވި މިންވަރު 16.7 އިންސައްތަ ނިމުނު އަހަރަށްވުރެ އިތުރުވެ، ޖުމްލަ 31،409 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ބޭރުކުރި މަހުގެ އަގުވެސް ނިމުނު އަހަރުގެ އެ މުއްދަތުގައި ބޭރުކުރި މަހުގެ އަގަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ ޖަނަވަރީން އޭޕްރީލު މަހުގެ ނިޔަލަށް ބޭރުކުރި މަހުގެ ޖުމްލަ އަގަކީ 37 މިލިއަން ޑޮލަރު ނުވަތަ 570 މިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް 52.5 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 809.55 މިލިއަން ރުފިޔާގެ މަހެވެ. އެއީ 42.1 އިންސައްތައިގެ އިތުރުވުމެކެވެ.
މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވާއިރު ނިމުނު އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ މަހަށްވާ ފައިސާ މިފްކޯއިން އަންނަނީ މަސްވެރިންނަށް ޖަމާކޮށްދެމުންނެވެ.
އޭގެ އިތުރަަށް މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މަސްވެރިކަމުގެ ބިނާރު ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެ ތެރޭގައި މަސް ޕްރޮސެސްކުރާ ތަންތަނާއި މަސް ރައްކާކުރާ ތަންތަން ހިމެނެއެވެ. މި މަޝްރޫއު ނިމުމުން މިހާރު މަސް ރައްކާކުރެވޭ މިންވަރުގެ ތިން ގުނަ އިތުރަށް މަސް ރައްކާކުރެވި، މިހާރަށްވުރެ އެތައް ގުނައެއް އިތުރަށް މަސް ޕްރޮސެސްކުރެވޭނެއެވެ.
އޭގެ އިތުރަށް މަސްވެރިންނަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ހުރިހާ އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން ތެޔޮ ވިއްކާ ޝެޑުތައް އަތޮޅުތަކުގައި ގާއިމުކުރުމުގެ ގައުމީ މަޝްރޫއެއް ފަށާފައިވެއެވެ.