ENGLISH

05 ޖޫން 2025

Advertisement

ދެ ޖިންސު އެއްކޮން ކުޅިވަރުކުޅުމާއި ކުލަ ޖެހުން، އެއީ ދިވެހި ސަގާފަތެއް ނޫން: މިނިސްޓަރު އާދަމް ނަސީރު

03 ޖޫން 2025

|

މުރުޝިދު އަބްދުލް ޙަކީމް

އަންހެނުންނާއި ފިރިހެނުން އެކުގައި އެއްކުޅިވަރެއްގައި ބައިވެރިވުން، ހާއްސަކޮން ދެ ޖިންސު މަސްހުނިވެގެން ސްޓޭޖުޝޯތައް ހުށައެޅުމަކީ ދިވެހީން އީދުގެ ސަޤާފަތުގައި ވެސް ހިމެނޭ ކަމެއް ނޫން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ ދިވެހީން އީދު ފާހަގަކުރުމަށް ސަރުކާރުން ބާރުއަޅަނީ އިސްލާމްދީނުގެ އިންތަކުން ބޭރުނުވެ ދީނުގައިވާ ގޮތްތަކުގެ މަތިން ކަމަށެވެ.  އެގޮތުން ދިވެހި ސަގާފީ ކުޅިވަރުތައް ކުޅުމުގައިވެސް އެ ކަމަށް ސަމާލުކަން ދިނުމަކީ ސަރުކާރުން އެދޭ ގޮތްކަން  ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އަންހެން ފިރިހެނުން އެކީ ކުޅިވަރުތަކުގައި ބައިވެރިވުމަކީ ދިވެހީންގެ ސަގާފަތެއްވެސް ނޫން ކަމަށެވެ.

"މިސާލަކަށް ތާރަޖެހުން، ތާރައަކީ ހަމަ ފިރިހެނުންގެ ކުޅިވަރެއް. ތާރަޖަހާއިރު އެ ސަފުގައި ނުތިބޭނެ އަންހެނުންނެއް. ބޮޑު ބެރަކީވެސް އެކަހަލަ ކުޅިވަރެއް. އެ ކުޅިވަރުވެސް އެއްދުވަސްވަރެއްގައި އަންހެނުން ކުޅެއުޅުނު އެކަމު އެއީ ވަކިން ހަމަ. އެއީ ދިވެހި ސަގާފަތުގައި އެކަން ކުރަމުން އައި ގޮތަކީ. އޭގެ ބައެއް ކަންކަން ބަދަލު އައިސްފައި އެބަހުރި މިހާރު،" ވަޒީރު ވިދާޅުވި އެވެ. 

ދިވެހި ސަގާފަތުގައި އީދު ކުޅިވަރުކުޅުނު ގޮތްތަކުގެ ބައެއް ކަންކަމުގެ ތަފްސީލުތަކަށް އަލިއަޅުވައިލައްވަމުން ވަޒީރު ވިދާޅުވީ އީދު ފާހަގަކުރަން ކުޅޭ ކުޅިވަރުގައި ބޮޑުބެރާއި ތާރަޖެހުމުގައި ވެސް ލޯބީގެ ލަވަތައް ވެސް އިހުގައި ކިޔާ ނޫޅޭކަމަށެވެ.

 އީދު ފާހަގަކުރުމުގައި ދިވެހި ސަގާފަތުގައި ކަންކަން ކޮށްއުޅުނު ގޮތް ރަށްރަށުގައި ތިބި ފަރާތްތަކަށް ސަގާފަތާއި ބެހޭ ވުޒާރާ މެދުވެރިކޮށް އަދި ދީނީ ގޮތުން އެކަން ކަން އޮންނަ ގޮތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް  އޮޅުންފިލުވާދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހީން އީދު ފާހަގަކުރުމުގެ ތެރޭގައި މިހާރު ކުލަޖެހުން އޮތް ނަމަވެސް އެއީ ދިވެހި ސަގާފަތުގައި ކުރިން އޮތްކަމެއް ނޫން ކަމަށާއި އޮންނަނީ ހަމައެކަނި ފެން ޖެހުން ކަމަށެވެ.

"ފެން މި އޮންނަނީ، އެއަށް ކުލަ އެއްކުރުމެއް ނޯވޭ. ފެންކުޅި އަކީ ބޮޑު އީދުގައި އޮންނަ ކަމެއް،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އީދު ފާހަގަކުރުމުގައި އިސްލާމީ ރޫހާއި ވަހުދަތާއި އަހުލާގިއްޔަތާއި އެއްގޮތައް ކަންކަން ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ގޮތްކަމަށެވެ. އެހެންވެ އެކަން އެގޮތަށް ކުރުމަށް ސަރުކާރުން އީދު ފާހަގަކުރާ ރަށްރަށުގައި ވަކިން ހާއްސަކޮން ސަމާލުކަން ދޭނެ ކަމަށެވެ.

"އީދު ފާހަގަކުރުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމަށް ދިރުން ގެނެސް، ދިވެހީންގެ ދީނީ އިސްލާމީ ރޫހު އަށަގެންނެވުން އެއީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަގުސަދެއް. އެހެންވީމަ އެ ސަބަބަށްޓަކައި އެމަނިކުފާނު ބޭނުންފުޅުވަނީ އިސްލާމީ އީދުތައް ވީހާވެސް ކުލަގަދަޮކޮށް ރަނގަޅަށް ފާހަގަކުރަން،" ވަޒީރު ވިދާޅުވި އެވެ.

ސަރުކާރުން ޤައުމީ ފެންވަރެއްގައި  މިއަހަރުގެ ބޮޑު އީދު ތިން ރަށެއްގައި ފާހަގަ ކުރާނެ އެވެ. އެއީ ލ.ގަމާއި ހއ.ކެލާގެ އިތުރުން ކ.ގުރައިދޫގަ އެވެ.

ކިޔުންތެރިންގެ ހިޔާލު