ENGLISH
04 ޖޫން 2025
މި ފަހަރު ވެސް 65 ރަށެއްގައި ޢީދުލައިޓް ދިއްލާނެ
02 ޖޫން 2025
|
ޢީދަށް މާލޭގެ ޖުމްހޫރީ މައިދާން ދިއްލާލާފައި --
ކުރިއަށް އޮތް އަލްޙާ ޢީދު (ބޮޑު އީދު) ގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޢީދުލައިޓް ދިއްލާނެ ކަމަށް ބެލެވޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި އަހަރުގެ ބޮޑު ޢީދު ގައި، 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެ ކަމަށް ބެލެވެ އެވެ.
އެ ގޮތުން ރާއްޖޭގެ ހުރިހައި ސިޓީތަކާއި، އަތޮޅުގެ މައި ރަށާއި އަދި ކޮންމެ އަތޮޅެއްގެ އާބާދީގެ ގޮތުން އެންމެ ބޮޑު ދެ ރަށް މި ޢީދުގައި ދިއްލޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މުސްލިމުންގެ ދެ ޢީދު ދުވަސް މިހާ ކުލަގަދަ ކޮށް ފާހަގަކޮށް ރާއްޖެ ދިއްލާލުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގަ އެވެ. އެމަނިކުފާނު ފުރަތަމަ އެ މަސައްކަތްޕުޅު ފެއްޓެވީ މާލެ ސިޓީގައި މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ.
އެކަަމަށް ޢާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. ޢީދާ ދިމާކޮށް އެކި ޝިއާރުތަކާއި ރީތި ކުލަތަކުން ރަށްރަށް ދިއްލާލަން ހުރިހާ ރަށަކުން ވެސް ބޭނުންވެ އެވެ. އެކަމަށް އެދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއަށް ގިނަ ރަށްތަކަކުން ހުށައަޅަ އެވެ.