ENGLISH
04 ޖޫން 2025
ދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތީން ހުރިހާ ރަށެއްގައި ވެސް ޢީދު ފާހަގަކުރަން އިލްތިމާސްކޮށްފި
02 ޖޫން 2025
|
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތީން ހުރިހާ ރަށެއްގައި ވެސް ޢީދު ފާހަގަ ކުރަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އިން އިލްތިމާސް ކޮށްފި އެވެ.
އެ ވުޒާރާ އިން އެކަމަށް އިލްތިމާސް ކުރީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އަޟުޙާ ޢީދަކީ ދިވެހި ޤައުމާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި އެހައިމެ އުފާވެރި މުނާސަބަތެއް ކަމަށާ ދިވެހީންނަކީ ޒަމާނުއްސުރެ ވަރަށް ކުލަގަދަ ގޮތެއްގައި އަޟުޙާ ޢީދު ފާހަގަ ކުރަމުންދާ ބައެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންނަ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހީންގެ ޢިޖްތިމާޢީ ގުޅުން ބަދަހިވެ ދިވެހީންގެ ސަޤާފަތާއި އާދަކާދަ ތަމްސީލު ކޮށްދޭ ކަމަށެވެ.
އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަ ކުރުމާއި ދިވެހި ކުދިބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާ އަދި އިސްލާމީ އުޞޫލުތަކާއި ޙުދޫދުތަކާއި މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތައް ރާވާ ހިންގުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއް ކަމަށެވެ.
އެހެން ކަމުން މި އަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމުގައިވެސް އިސްލާމީ ތަރަހައިގެތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތީން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ޢީދު ފާހަގަ ކުރުމގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަނި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރެއްވުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުޢައްސަސާތަކަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.