ENGLISH
12 ސެޕްޓެމްބަރު 2025
އޮސްޓްރޭލިއާ އިން ރާއްޖެ އަށް، ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ
02 ޖޫން 2025
|
ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އަދި އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު ރިޗަރޑް މާލްސް-- ފޮޓޯ: ދިފާޢީ ވުޒާރާ
އޮސްޓްރޭލިއާ އިން ރާއްޖެއަށް، ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި މަލްޓި-ބީމް އެކޯ ސައުންޑަރެއް ހަދިޔާކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އަދި އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު ރިޗަރޑް މާލްސްގެ ޖޮއިންޓް ޕްރެސް ރިލީޒެއްގައެވެ.
މި ޕްރެސް ރިލީޒްގައި ބުނެފައިވަނީ، ރާއްޖޭގެ ބިޔަ އިގުތިސާދީ ސަރަހައްދަށް ހުއްދަ ނެތި ވަންނަ އުޅަނދުތައް ދެނެގަނެ، ހިފެހެއްޓުމަށާއި، ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ޔަގީންކުރުމަށް އޮސްޓްރޭލިއާއިން ހަދިޔާކުރާ ބޯޓުގެ ސަބަބުން އެތައް ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި މި ހަދިޔާ އަކީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ވެސް މި ޕްރެސް ރިލީޒްގައި ބުނެފައިވެއެވެ.
އޮސްޓްރޭލިއާ އިން ވަނީ މީގެ ކުރިން ވެސް ފިޖީ، ޓޮންގާ އަދި މޮރިޝަސް ފަދަ ޖަޒީރާ ގައުމުތަކަށް ގާޑިއަން ކްލާސްގެ ބޯޓުތަކެއް ހަދިޔާކޮށްފައެވެ.
ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓުގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު، ދިވެހި ސިފައިން އަމިއްލައަށް މެޕުކުރަން އެހީވުމަށް، ހައިޑްރޯގްރަފިކް އިންސްޓްރޫމަންޓެއް ކަމަށްވާ މަލްޓި-ބީމް އެކޯ ސައުންޑަރެއް ވެސް ހަދިޔާކޮށްފައެވެ. މީގެ ކުރިން މި މަސައްކަތް ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ދެކެވަޑައިންނަވާތީ، އެ އެއްބަސްވުން އުވާލައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން 2021 ވަނަ އަހަރު ޢާންމުކުރި މައުލޫމާތަށް ބަލާއިރު، އިންޑިއާއާ އެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސަރވޭ ކުރުމަށް އެހީވެދީގެން އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާ ޗާޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެއެވެ.
އޮސްޓްރޭލިއާއިން ދޭ ބޯޓު 2026 ވަނަ އަހަރު ބަނދެ ނިމޭނެ ކަމަށާއި، ބޯޓު މަރާމާތުކޮށް ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމްކޮށް، ރާއްޖެއާއެކު ވަރަށް ގާތްކޮށް މަސައްކަތްކުރެވޭނެ ކަމަށް ނޫސްބަޔާނުގައިވެ އެވެ.