ENGLISH

04 ޖޫން 2025

Advertisement

ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

02 ޖޫން 2025

|

ޢަލީ ޝަހީމް

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ފަރުހާދު، ނަވީން، އަދި ޝަމީމް.

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. 

އެ މަޤާމަށް ކުރިމަތިލެއްވީ ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެހުންނެވި އިސްމާއީލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމް ހުސްވީ އެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާއު އޭޕްރީލް 26 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޢަލީ ޝުޖާޢު މަޤާމުން އިސްތިއުފާދެއްވުމުން އެ ޒިންމާއާ މިހާރު ޙަވާލުވެވަޑައިގެން ހުންނެނީ ނަވީން އެވެ. 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ހުޅުވާލީ މިދިޔަ ހަފްތާގައެވެ. އެ މަޤާމަށް ކުރިމަތިލެވެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ. މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ މިއަދެވެ. 

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަނުކުރެއްވުމުގެ ކުރިން، އެ މަޤާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ފެންވަރު ވަޒަންކުރާނެއެވެ. ފެންވަރު ވަޒަންކުރުމާއެކު އިންޓަވިއު ޕްރޮސެސް ކުރިއަށްގެންދާނީ ޕޮލިސް ބޯޑުންނެވެ. އޭގެފަހުން މިނިސްޓަރުގެ ލަފާފުޅާއެކު ކޮމިޝަނަރުގެ މަޤާމް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު