ENGLISH
04 ޖޫން 2025
މެއި މަހު 135،000 ފަތުރުވެރިން، 13.1 އިންސައްތައިގެ ކުރިއެރުމެއް
02 ޖޫން 2025
|
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް އެއާޕޯޓުގައި. ފޮޓޯ: ދިޔަރެސް
މިދިޔަ މެއި މަހު 135،614 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މެއި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ މިދިޔަ ދެ އަހަރަށް ވުރެ 13.1 އިންސައްތަ އިތުރުވެފައެވެ.
ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން މިއަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. އެގައުމުން 116،482 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ރަޝިއާއިން 105،913 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެން އެންމެ ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެގައުމުން 99،035 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް ބަލާއިރު މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް މިހާތަނަށް ހޯދީ އޭޕްރީލް މަހެވެ. އެގޮތުން 2023 އަދި 2024 ވަނަ އަހަރާ ބަލާއިރު، މިއަހަރުގެ އޭޕްރީލް މަހު ވަނީ 17.8 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ. އޭޕްރީލް މަހު ޖުމްލަ 198،322 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޖެނުއަރީ އަދި ފެބްރުއަރީ މަހެވެ. އެ ދެމަހުވެސް 214،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
އަހަރުގެ މިހާތަނަށް 970،845 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި މަހު މިލިއަނަކަށް އަރާނެއެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 71.5 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ދެން އެންމެ ހިއްސާބޮޑީ ގެސްޓްހައުސްތަކަށް ގޮސްފައިވާ 23.1 އިންސައްތަ ފަތުރުވެރިންނެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކުގައި ވެސް ފަތުރުވެރިން ޗުއްޓީ ހޭދަކުރެއެވެ.