ENGLISH

04 ނޮވެމްބަރު 2025

Advertisement

ބާރަށު ކައިރިން ކަނޑައިގެން ގޮސްފައިވާ ކަނދުފައްޗެއް އަލުން ޤާއިމުކޮށްފި

02 ޖޫން 2025

|

މުޙައްމަދު އަދުހަމް

ބާރަށުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ

ހއ. ބާރަށުގެ ކައިރިން ކަނޑައިގެންގޮސްފައިވާ ވަދު ކަނދުފައްޗެއް އަލުން ޤާއިމުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މިއީ ސްޕޯޓްސް ފިޝިންގ އަށް އަމާޒުކޮށްގެން އެ ވުޒާރާ އިން ޤާއިމުކޮށްފައިވާ ކަނދުފަތީގެ ވިއުގައިން އެކިއެކި ސަބަބުތަކާހުރެ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދިޔަ މުހިއްމު މަސައްކަތެކެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާ އިން ބުނީ، މި ވަދު ކަނދުފަތީގެ ނަންބަރަކީ C09V02-01 އެވެ. މި ވަދު ކަނދުފަތި އަޅާފައިވަނީ، ބާރަށުގެ އިރުން ހަ މޭލު ބޭރުގައި ކަމަށް އެ ވުޒާރާ އިން މަޢުލޫމާތުދެއެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

6°48.100'N

73°19.100'E

ބާރަށު ކައިރިން ކަނޑައިގެންގޮސްފައިވާ ކަނދުފަތި އަލުން ޤާއިމުކޮށްފައިވާ ސަރަހައްދު. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ މަސްވެރިކަމުގެ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.

އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ބާރަށު ކައިރިން ކަނޑައިގެންގޮސްފައިވާ ކަނދުފަތި އަލުން ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތި އަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. މިކަނދުފަތިތައް ހުންނަނީ ފަސޭހައިން ފެންނަ ގޮތަށް ރީނދޫ ކުލައިގައެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު