ENGLISH

03 ޖޫން 2025

Advertisement

މައްކާ ރޫޓު އިނީޝިއޭޓިވް ގައި ރާއްޖެ ހިމަނާފައިވާކަން ސަޢުދީން ރަސްމީކޮށް ހާމަކޮށްފި

01 ޖޫން 2025

|

އަޙުމަދު ޙަމީދު

ދިވެހި ޙައްޖުވެރީންތަކެއް

މައްކާ ރޫޓު އިނީޝިއޭޓިވް ގައި ރާއްޖެ ހިމަނާފައިވާކަން ހާމަކޮށް ސަޢުދީ ސަރުކާރުން ރަސްމީކޮށް އެކަން ޢިއުލާނު ކޮށްފި އެވެ.

ސަޢުދީގެ ޚާރިޖީ ވުޒާރާ އިން ވަނީ އެކަން ހާމަކޮށް ޕޯސްޓެއް ކޮށްފަ އެވެ.

ޙައްޖުގެ އަޅުކަމަށް ވަޑައިގެން މިވަގުތު މައްކާގައި ހުންނެވި އިސްލާމީ ކަންތަައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވެސް ވަނީ މައްކާ ރޫޓް އިނިޝިއޭޓްގައި ރަސްމީކޮށް ރާއްޖެ ހިމަނާ އެކަން ސަޢުދީ ޚާރިޖީ ވުޒާރާ އިން އެކަން ޢިއުލާނު ކުރައްވާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ.

ސަޢުދީ ޚާރިޖިއްޔާއިން ކޮށްފައިވާ ޕޯސްޓް

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދިނީ އެހެން ޤައުމުތައް ހިމަނާ އުސޫލުތަކުން އިސްތިސްނާކޮށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އެންގެވުމަކަށެވެ.

މިއަހަރު ރާއްޖެއިން ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. އެގޮތުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑުކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. މިއީ މިހާތަނަށް ޙައްޖުވެރިންގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހައެވެ.

މި އަހަރަކީ ދިވެހި ހައްޖުވެރީންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. އެގޮތުން، ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭއިރު، ލަގެޖް ވެސް ހޮޓަލުން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އަދި ހައްޖުވެރިންނަށް ސައުދީ ސަރުކާރުން އަންނަނީ، ޖިއްދާ އެއާޕޯޓުން ރަސްމީކޮށް މަރުހަބާ ކިޔަމުންނެވެ. 

މީގެ އިތުރުން މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއްވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސައުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ.

ދިވެހި ހައްޖުވެރިންނަށް މިއަހަރު ލިބިގެންދިޔަ ލުއިފަސޭހަތަކާއެކު، މިއަހަރަކީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު