ENGLISH
03 ޖޫން 2025
ޖަޕާނުގެ ކުންފުންޏަކުން ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް އެއްކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ
01 ޖޫން 2025
|
ޖަޕާނުގެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޑަބްލިއުއެސްސީ
ޖަޕާނުގެ ކުންފުންޏަކުން ހދ. ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢު ހިންގަން، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސައްތަ އިރުގެ ހަކަތައަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖެ ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެ މަސައްކަތް ޙަވާލުކުރީ ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާއެވެ.
ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކެޝީ އައިބާއެވެ.
މިރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯ، އެމްޑަބްލިއުއެސްސީގެ ޗެއަރޕަރސަން ޝަމްހޫޒާ އަޙްމަދު، އަދި ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، އެކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާ އަދި އޮޕަރޭޝަންތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެކަމަށް ބުނެފައިވެއެވެ.
މަޝްރޫޢު ނިމުމުން، ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައިވެއެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިމަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު މިކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ބޭރުކުރުން ހުއްޓުވޭނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައިވެއެވެ.