ENGLISH
03 ޖޫން 2025
ސަޢުދީގައި ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ފަށައިފި
01 ޖޫން 2025
|
ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ފެށުން
ސަޢުދީ ޢަރަބިއްޔާގައި ބާއްވާ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ފަށައިފި އެވެ.
މި ސިމްޕޯޒިއަމްގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން އެކި ޤައުމުތަކުގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރާއްޖެއިން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އުސާމް މުޙައްމަދު އެވެ.
މި ސިމްޕޯޒިއަމްގައި މީޑިއާތަކަށް ޚާއްސަ ކޮށްގެން މީޑިއާ އެވެއާނަސް ސެޝަންއަކާއި ޙައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަ ކޮށްގެން ހެލްތު ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ސަޢުދީ އަރަބިއާގައި ބާއްވާ މިއީ 48 ވަނަ އަހަރެވެ. އެންމެ ފުރަތަމަ އެ ސިމްޕޯޒިއަމް ފެށީ 1977 ވަނަ އަހަރެވެ. ސިމްޕޯޒިއަމް ކުރިއަށްގެންދަނީ ސަޢުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ އިންނެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖޭގެ 1000 ޙައްޖާޖީން މިހާރު ވަނީ ސަޢުދީ އަރަބިއާއަށް ގޮސްފައެވެ. އެންމެ ފަހު ގްރޫޕް ސަޢުދީ އަރަބިއާއަށް ދިޔައީ ހުކުރު ދުވަހެވެ.
ރާއްޖޭން މިފަހަރު ޙައްޖުގެ ކަންކަން ކުރަނީ މިއިން ދުވަހަކުވެސް ދިވެހިންނަށް ލިބިފައިނުވާ ލުއިފަސޭހަތަކާއެކުއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައި ޙައްޖާޖީންނަށް ގިނަ ފަސޭހަތަކެއް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ލުއިފަސޭހައަކީ ސައުދީ އަރަބިއާއަށް ދިއުމަށްފަހު އެއަރޕޯޓްގައި އިތުރަށް މަޑުކުރަން ނުޖެހި ސީދާ އެއަރޕޯޓަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމެވެ. އޭގެއިތުރުން ޤައުމީ އެއާލައިންގައި 50 އިންސައްތަ ހައްޖުވެރިން ދަތުރުކުރުމާއި، މައްކާއިން މަދީނާއަށް ކުރާ ދަތުރުތައް ކުރުމަށް ހާއްސަ ޓްރެއިން ހަމަޖެއްސުން ހިމެނެއެވެ. އޭގެ ސަބަބުން ކުރިން އެ ދަތުރަށް ހޭދަވާ 8 ނުވަތަ 10 ވަރަކަށް ގަޑިއިރުގެ ބަދަލުގައި މިހާރު ހޭދަވާނީ ތިން ގަޑިއިރު ވަރެވެ.