ENGLISH
03 ޖޫން 2025
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އެއްކޮށް ކަރަންޓު ލިބިއްޖެ: އެމްއޭސީއެލް
01 ޖޫން 2025
|
ފޮޓޯ: އެމްއޭސީއެލް
ދިވެހިރާއްޖޭގެ ރަސްމީ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު މެންދުރު 2:05 ގައި އެއްކޮށް ކަރަންޓު ލިބިފައިވާ ކަމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދު މާލެ ސަރަހައްދަށް ކަރަންޓު ކެނޑިގެންދިޔަ ވަގުތު އެއަރޕޯޓުގެ މައި ސަޕްލައި އިން ކަރަންޓުދިޔަ ނަމަވެސް، އެމްއޭސީއެލްގެ ބެކަޕް ސަޕްލައި މެދުވެރިކޮށް އެއަރޕޯޓަށް ހުއްޓުމެއްނެތި ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަރަންޓަށް ދިމާވާ އެއްވެސް މައްސަލައެއްގެ ސަބަބުން އެއަރޕޯޓުގެ ހިންގުމަށް ބުރޫއެރިޔަ ނުދިނުމަށް، މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
މިއަދު މެންދުރު 12:30 އެހާކަންހާއިރު މާލޭ ސަރަހައްދުން އެއްކޮށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، މިކަން ދިމާވި ސަބަބު ދެނެގަނެ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ލަސްނުވެ ފަށާފައެވެ. މީގެ އިތުރުން ދިވެހި ފުލުހުންވެސް މިކަން ދިމާވި ސަބަބު ދެނެގަތުމަށް، ވަރަށް ސީރިއަސް މައްސަލައެއް ގޮތަށް ތަހުގީގުކުރަމުން ދާކަން އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.
މާލޭ ސަރަހައްދުން އެއްކޮށް ކަރަންޓު ދިއުމާގުޅިގެން މިއަދު މެންދުރު ފަހު ވަނީ މަދަރުސާތަކުގެ ކިޔެވުންވެސް ކުރިއަށް ނުގެންދެވި، ދަރިވަރުން ގެއަށް ފޮނުވާލާފައެވެ. މީގެ އިތުރުންވެސް އެކި ހިދުމަތްތަކާއި އެކި އިދާރާތަކުގެ ހިންގުން، ކަރަންޓު ނެތުމުގެ ސަބަބުން ހުއްޓިގެންދިޔަ އެވެ.
މާލޭ ސަރައްދުގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި، ނުދެވިހުރި ހިސާބުތަކަށް އިރުއޮއްސުމުގެ ކުރިން ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.