ENGLISH
03 ޖޫން 2025
މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު އިއާދަކޮށްފި، އިރުއޮއްސުމުގެ ކުރިން އެއްކޮށް ކަރަންޓު އިއާދަކުރާނެ: ސްޓެލްކޯ
01 ޖޫން 2025
|
ސްޓެލްކޯގެ އިމާރާތް، ފޮޓޯ: ގޫގުލް
މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓު އިއާދަކޮށްފައިވާއިރު އިރު އޮއްސުމުގެ ކުރިން ހުރިހާ ސަރަހައްދުތަކަށް ކަރަންޓު އިއާދަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ މާލޭގެ 60 އިންސައްތަ ގޭބީސީއަށް އަދި ހުޅުމާލޭގެ 78 އިންސައްތައަށް މިހާރު ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ. ކަރަންޓު ނުލިބި ހުރި ސަރަހައްދުތަކަށް ކަރަަންޓު ފޯރުކޮށްދިނުމަށް އެނަޖައިޒްކުރަންޖެހޭ ޖަނަރޭޓަރުތަކާއި ވިއުގައިގެ ބައިތައް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ވިއުގައަށް ކުރިމަތިވި މައްސަލަ ދެނެގަތުމަށްވުރެ މިވަގުތު އެ ކުންފުނިން އިސްކަންދެނީ ކަރަންޓު ނެތް ސަަރަހައްދުތަކަށް ކަރަންޓު އިއާދަކުރުމަށެވެ. ނަމަވެސް ކަރަންޓު އިއާދަކުރެވުމުން ކުރިމަތިވި މައްސަލަ ދެނެގަނެ އެ މައުލޫމާތުވެސް އާއްމުކުރާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ދެމުންދަނީ ބައިބައަށް ބަހާލައިގެން ކަމަށާއި، އެގޮތަށް ކަރަންޓު ދެމުންދާ މައިގަނޑު ސަބަބަކީ އެއްފަހަރާ ކަރަންޓު އިއާދަކޮށްފިނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެތީ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ކަރަންޓު އިއާދަކުރުމަށްޓަކައި އެނަޖައިޒްކުރަންޖެހޭ ބައިތައް އެނަޖައިޒްކުރުން ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު އިއާދަވެފައިވާއިރު، ދެވަނަ ފިޔަވަހީގައި ކަރަންޓު ނެތީ ހިޔާ އެއްވަނަ ޓަވަރުން ފެށިގެން އަަށްވަނަ ޓަވަރާ ދެމެދުގެ ޓަވަރުތަކާއި ވިނަރެސް ފުލެޓުތަކުގައެވެ. އެތަންތަނަށް ކަރަންޓު އިއާދަކުރުމަށް އެނަޖައިޒްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު އިއާދަކުރުމަށް ވިއުގައިގަ އެނަޖައިޒްކުރަންޖެހޭ ބައިތައް އެނަޖައިޒްކޮށް ނިންމުމަށް ނަގާނީ 1 ގަޑިއިރާއި 15 ވަރަަކަށް މިނެޓެވެ. އަދި އެ މަސައްކަތް ފެށި ވަގުތަށް ބަލާއިރު ބާކީ އޮތް 45 މިނިޓު ތެރޭ މަސައްކަތް ނިމޭނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.