ENGLISH

03 ޖޫން 2025

Advertisement

ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ދަނީ ކުރިއަަށް؛ މައްސަލަ ދިމާނުވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ: ޠާރިޤު

01 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް

މާލޭ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އަދި އެފަދަ ކަމެއް ތަކުރާރުނުވާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަަތް ކުރަމުންދާކަމަށް ޓޫރިޒަމް އަދި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިއަދު މާލެއާއި ހުޅުލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން، ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލަައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

އަދި އެ ކުންފުނިން ބުނެފައިވަނީ ކަރަންޓު އަނބުރާ އިއާދަކުރުމަށް ކުރި މަސައްކަތުން މާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓު އަނބުރާ ދެވިފައިވާ ކަމަށެވެ. އަދި ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. 

އެކަމާ ގުޅިގެން ދެންމެ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކމަަަށެވެ. އަދި ކުރިމަތިވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

އަދި މިނިސްޓަރުވަނީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް މައާފަށް އެދިވަޑައިގެންފައެވެ. 

މިހާރު މާލޭގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފައިވާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށްވެސް މިހާރު ކަރަންޓު އަނބުރާ އިއާދަކޮށްފައިވެއެވެ. އަދި ހުޅުލެއިން ކަރަންޓު ކެނޑުނު ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބެކްއަޕް ކަރަންޓު ބޭނުންކުރުމުގެ ސަބަބުން އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫއަރާފަައިނުވެއެވެ. 

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމާ ބެހޭ އިދާރާތަކަށް އިރުޝާދުދެއްވާފައިވާއިރު، ފުލުހުންވަނީ ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށާފައެވެ. 

ކިޔުންތެރިންގެ ހިޔާލު