ENGLISH
03 ޖޫން 2025
މައުރަަޒު ވަރަށް ކާމިޔާބު، ސިއްރަކީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިން: ސައީދު
01 ޖޫން 2025
|
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބައްލަވައިލައްވަނީ، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ކާމިޔާބު މައުރަޒެއްކަމަށާއި، އެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ މައުރަޒުގައި ބައިވެރިވި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނުވަ ދުވަހުގެ މުއްދަތަަށް ކުރިއަށްގެންދިޔަ މައުރަޒުގެ ފަހު ރެއަކީ ރެއެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މައުރަޒަށް 200،000 އާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކުރިއެވެ. އެއީ ކުރިން އެ މައުރަޒަށް ދާނެ ކަމުގައި އަންދާޒާކުރި އަދަދަށްވުރެ ގިނަ އަދަދެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކާމިޔާބުކަމާއެކު މައުރަޒު ގެންގޮސް ނިންމައިލެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްގައި ކުލަޖެހުން ކަމަށެވެ. އަދި މިފަދަ މައުރަޒެއް ބޭއްވުމުގެ ބޭނުމާ ގުޅޭ ގޮތުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ބައެއް ކަންކަން މިނިސްޓަރު އެކްސް ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން މިފަދަ މައުރަޒެއްގެ ބޭނުމަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ގައުމުގެ ކްރިއޭޓިވް އިންޑަސްޓްރީ ބާރުވެރިކުރުވުމާއި، ގައުމީ އުފެއްދުންތެރިކަމުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވެފައިވާކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މައުރަޒު ކުރިއަށްގެންދިޔައީ އެ މަގުސަދު ހާސިލުކުރުމުގެ އަމާޒަށް ކަމުގައެވެ. އެގޮތުން އުފެއްދުންތެރިކަމުގެ މައުރަޒުގެ އިތުރަށް، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް ޑިސްޓްރިކްޓަކާއި، މާކެޓް ޕްލޭސް ޑިސްޓްރިކްޓުގެ ނަމުގައި ކާމިޔާބު ހަރަކާތްތަކެއް ހިންގިފައިވާ ކަމަށެވެ.
އޭގެ އިތުރަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އެންޓަޓައިންމެންޓް ޑިސްޓްރިކްޓުގައި ކުރިއަށްގެންދެވުނުއިރު ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ އެތައް ހަރަކާތެއް ބޭއްވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސައީދުވަނީ މި މައުރަޒުގެ މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖުމެންޓާއި މުޅި ޓީމުން ކުރި މަސައްކަތް ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
އޭގެ އިތުރަށް އެ މައުރަޒު ކާމިޔާބުކަމާއެކު ނިންމައިލެވުމުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ދިވެހި ފަންނުވެރިންނާއި، އުފެއްދުންތެރިންނާއި ހީވާގި މަސައްކަތްތެރިންކަން ފާހަގަކުރައްވައި، މިނިސްޓަރުވަނީ މައުރަޒުގައި އެކި އުފެއްދުންތަކާއި ހުނަރުތައް ބައިވެރިކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި މައުރަޒަކީ މިފަހުގެ ތާރީހުގައި ދިވެހިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި ފަންނުވެރިކަން އަދި ޒަމާނީ އީޖާދީ ދާއިރާތަކުގައި ދިވެހިން ހޯދަމުން އަންނަ ކާމިޔާބުތައް އެއް ތަނަކުން ފެންނާނެހެން ކުރިއަށްގެންދެވުނު ފުރަތަމަ މައުރަޒެެވެ. މި މަައުރަޒުގައި ގިނަ ބަޔަކު ބައިވެރިވެ، އެމީހުންގެ އުފެއްދުންތަކާއި ހުނަރުތައް ދައްކުވައިދީފައިވާއިރު، މައުރަޒު ބަލައިލުމަށް އެތައް ހާސް ބަޔަކު ކޮންމެ ރެޔަކުވެސް ދިޔައީ ޒިޔާރަތްކުރަމުންނެވެ.