ENGLISH
03 ޖޫން 2025
ހިޔާވަހި ސްކީމަށް ބޮޑު ތަރުހީބެއް؛ ކުރު މުއްދަތެއްގައި 2،256 ފޯމު ހުށަހަޅައިފި
01 ޖޫން 2025
|
ބޯހިޔާވަހިކަމުގެ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ ހަމަވިއިރު، 2256 މީހުން ފޯމު ހުށަހަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުން ހިޔާވަހި ސްކީމް ތައާރަފްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. އެކަމަކު ގިނަ ބަޔަކު އެދެމުންދިއުމާއެކު އެ ފުރުސަތު މެއި 31 ގެ ނިޔަލަށް ސަރުކާރުން އިތުރުކުރީއެވެ.
ހިޔާވަހި ސްކީމްގައި ހިމެނެނީ ތިން ބައެކެވެ. އެއީ ކުދި ރަށްތަކަށް ހާއްސަކުރި "ރަށްވެހި" ސްކީމާއި އަރބަން ސެންޓަރުތައް ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކަށް ހާއްސަ "ސަހަރު" ސްކީމް އަދި މާލެ ސަރަހައްދަށް ހާއްސަކުރި "ފަހިމާލެ" ސްކީމެވެ.
ރަށްވެހި ސްކީމުގެ ދަށުން މާލީ އެހީ ދޫކުރަނީ 1 މިލިއަން ރުފިޔާއާ ހަމައަށެވެ. ސަހަރު ސްކީމްގައި މާލީ އެހީ ދޫކުރަނީ 3 މިލިއަން ރުފިޔާއާ ހަމައަށެވެ. އަދި، މާލެ ސަރަހައްދަށް ކަނޑައެޅީ 6 މިލިއަން ރުފިޔާއެވެ.
ހިޔާވަހި ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އިސްލާމިކް ފައިނޭންސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގައެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ 25 އަހަރުންނެވެ. ސްކީމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށާއި، ގެއެއް އިމާރާތްކުރަން ފަށައި ނުނިމިހުރި މަސައްކަތް ނިންމުމަށެވެ.
"ހިޔާވަހި" ފައިނޭންސިން ސްކީމްގައި ކުރިއަށްގެންދާނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގުޅިގެންނެވެ.