ENGLISH

03 ޖޫން 2025

Advertisement

ޒުވާނުންނަށް އަމާޒުކޮށްގެން "ޔޫތު ކޭމްޕް" ކުޑަގިރީގައި ކުރިއަށް ގެންގޮސްފި

01 ޖޫން 2025

|

ޢަލީ ޝަހީމް

ކުޑަގިރީގައި އިއްޔެ ކުރިއަށްގެންދިޔަ ޔޫތު ކޭމްޕުގެ ތެރެއިން. ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ "ޔޫތު ކޭމްޕް" ކުޑަގިރީގައި އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. 

ޒުވާނުންގެ ވުޒާރާއިން ބުނީ ކުޑަގިރީގައި ކުރިއަށްގެންދިޔަ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އިއްޔެގެ ކޭމްޕުގައި ވަނީ 65 ޒުވާނުން ބައިވެރިވެފައެވެ. ކުޑަގިރީގައި ބޭއްވި ޔޫތު ކޭމްޕުގެ ހަރަކާތްތަކަށްފަހު ކޭމްޕުގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓްދީފައެވެ. 

ކޭމްޕުގައި ވަނީ ޒުވާނުންނާ ގުޅުންހުރި މުހިއްމު ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ސެލްފް ޑިފެންސް، ޓީމް ބިލްޑިން، ލީޑަރޝިޕް، ސެލްފް އެކްސްޕޮލޮރޭޝަން އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. ސެޝަންތައް ނަންގަވައިދެއްވީ ދާއިރާގެ ހާއްސަ ބޭފުޅުންނެވެ. 

މިދިޔަ އަހަރު ޔޫތު މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ޔޫތު ކޭމްޕް ބޭއްވީ ފަރުކޮޅުފުށީގައެވެ. އެ ކޭމްޕުގައި 46 ބައިވެރިން ޕްރޮގްރާމް ފުރިހަމަކުރިއެވެ. 

ޔޫތު ކޭމްޕުގެ އިތުރުންވެސް ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް އެ ވުޒާރާއިން ކުރިއަށްގެންދެއެވެ. އެގޮތުން، ތައްޔާރުވަމާގެ ނަމުގައި ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމް ހިމެނެއެވެ. އަދި، ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ވެސް އެ ވުޒާރާއިން ކުރިއަށްގެންދެއެވެ. ޒުވާނުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތްތައްވެސް އެ ވުޒާރާއިން އަންނަނީ ބާއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު