ENGLISH
04 ޖުލައި 2025
މައްކާ ރޫޓް އިނީޝިއޭޓިވް ޚިދުމަތް ދެއްވުމަށް ރާއްޖެ ވަޑައިގެންނެވި ޓީމުގެ އަގުވަޒަންކޮށްފި
31 މޭ 2025
|
މައްކާ ރޫޓް އިނީޝިއޭޓިވް ޓީމުގެ އޮފިޝަލަކަށް ވަޒީރު ޑރ. ޝަހީމް ސެޓްފިކެޓް ދެއްވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހި ޙައްޖުވެރިންނަަށް މުޅިން އަލަށް ލިބިގެންދިޔަ މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށްފިއެވެ.
އޮފިޝަލުންގެ އަގުވަޒަންކުރުމަށް ރޭ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. ރަސްމިއްޔާތުގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަޢުދީ އޮފިޝަލުން ރާއްޖެ ވަޑައިގެން ދިވެހި ޙައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައާއި ގުޅޭ ގޮތުން ވަޒީރު ވާހަކަދެއްކެވިއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި އެހެން ޤައުމުތައް ހިމަނާ އުސޫލުތަކުން އިސްތިސްނާކޮށް ރާއްޖެ ހިމެނުއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. އެގޮތުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑުކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. މިއީ މިހާތަނަށް ޙައްޖުވެރިންގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހައެވެ.
މި އަހަރަކީ ދިވެހި ހައްޖުވެރީންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. އެގޮތުން، ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭއިރު، ލަގެޖް ވެސް ހޮޓަލުން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އަދި ހައްޖުވެރިންނަށް ސައުދީ ސަރުކާރުން އަންނަނީ، ޖިއްދާ އެއާޕޯޓުން ރަސްމީކޮށް މަރުހަބާ ކިޔަމުންނެވެ.
މީގެ އިތުރުން މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއްވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސައުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ.
ދިވެހި ހައްޖުވެރިންނަށް މިއަހަރު ލިބިގެންދިޔަ ލުއިފަސޭހަތަކާއެކު، މިއަހަރަކީ ދިވެހި ހައްޖާޖީންނަށް އެންމެ ލުއި އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.