ENGLISH
04 ޖުލައި 2025
ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ސަޢުދީ އަށް ވަޑައިގެންފި
31 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަދީނާ އެއާޕޯޓުގައި. --ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ސަޢުދީ އަރަބިއާ އަށް ވަޑައިގެންފި އެވެ.
މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް އަށް މަރުހަބާ ދެންނެވީ މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އަބްދުލް މުހްސިން ހަމީދު އެވެ. އަދި ރާއްޖެ އިން ސަޢުދީ އަރަބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވެސް ރައީސްގެ ވަފުދުގެ އިސްތިގްބާލުގައި ހުންނެވި އެވެ.
މަދީނާގެ އެއާޕޯޓުން ރައީސް އަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސަޢުދީ ސަރުކާރުން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ވެސް، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.