ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

18 އަހަރުން މަތީގެ މީހުންނަށް "ފުރަތަމަ ގެ" މަޝްރޫޢު މިއަހަރު ފެށޭނެ: ރައީސް

31 މޭ 2025

|

ހަސަން އާމިރު

މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވަނީ ގެދޮރާއި ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމާއި، އެކަމަށް ވަށާޖެހޭ، ދެމިގެންވާ ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މި ސަރަޙައްދުގައި ޒަމާންތަކަަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަށާރަ އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި އެވަޢުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިބަސްދީގަތުމުގައި ވިދާޅުވިއެވެ. އަދި، މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭކަމުގެ ލިޔުން އެރުވުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ބޭއިންސާފުން ކުރީގެ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްފައިވާކަމަށް އިޝާރާތްކުރައްވަވައި، ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފްލެޓް ގެއްލުނު ފަރާތްތަކަށް، މިސަރުކާރުގެ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓް ހަވާލުކުރެވޭނެ ކަމަށެވެ. އަދި، މިއަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އެހެން ސްކީމެއްގެ ދަށުން ގެދޮރު ކަށަވަރުވެފައިވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުންކަމަށާއި އެކަންކަން ފުއްދައިދީ، ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުން ފަސޭހަކޮށްދިނުމުގައި ސަރުކާރާއި އެމަނިކުފާނު ދެމިތިއްބަވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު