ENGLISH
04 ޖުލައި 2025
ލާޖައްސައިގެން މާލެ ސަރަހައްދުން ގޯތި ހޯދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: ރައީސް
31 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)
ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ލާޖައްސައިގެން މާލެ ސަރަހައްދުން ގޯތި ހޯދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް' އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް ފުއްދެވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، ބޯހިޔާވަހިކަމާއި ގުޅުވައި އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދުކަމަށްވާ ލާޖައްސައިގެން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ ވައުދުފުއްދެވުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ދެއްވި އެވެ. މި މަޝްރޫއުގެ ދަށުން ގޯތި ދޫކުރުމަށް ނިންމާފައިވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އުތުރުތިލަފަޅު، ގިރާވަރުފަޅު ގުޅީފަޅު އަދި ފުށިދިއްގަރުފަޅުންނެވެ.
"މި ވައުދު ފުއްދުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޕްލޭންކޮށްފަ މިއޮތީ ދާދި އަވަހަށް ފަށަން. ސަރުކާރުން ވަރަށް އަވަހަށް އިއުލާނުކުރާނެ މާލޭގައި މިގޮތަށް ހުރި ގޯތިތައް މުޅި ގޯތި ދޫކޮށްލާފަ އެ ގޯތީގެ ސައިޒުގެ ގޯއްޗެއް މާލެ ސަރަހައްދުން، އަޅުގަނޑުމެން ހިއްކާ ސަރަހައްދުތަކުން އެއީ އުތުރުތިލަފަޅު ވެސް ހިއްކަން މިއޮތީ ނިންމާފަ. އަދި ގިރާވަރުފަޅު ހިއްކާ ނިމޭއިރު އިތުރަށް ޖާގަ ލިބެންވެސް ލިބޭނެ. އަދި ގުޅީފަޅުން ވެސް އަދި ފުންތަން ވެސް ހިއްކާ ނިމޭއިރުގައި ބައެއް ސަރަހައްދުތައް އިތުރުވާނެ،" ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ މާލެ ސަރަހައްދުން، ރަސްމާލެ ސަރަހައްދު ހިމެނޭހެން މުޅި މި ސަރަހައްދުގައި އިތުރުވާ ބިންތަކުން ހުޅުމާލެ ވެސް ހިމެނޭހެން އަޅުގަނޑުމެން މާލެއިން މިގޮތަށް ގޯތި ދޫކޮށްލާފަ، މިގޮތަށް ނުހެދޭނެ ގޮތަށް ހުންނަ ހަނިމަގުތަކާއި މިތަންތަނުގައި ހުންނަ ގޯތިތައް އެގޭގެ އެންމެންވެގެން ދޫކޮށްލާފަ އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ކަމަށްވާ އެންމެނަށް އެ ފުރުސަތު ހުޅުވާލާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގެ ހަނިމަގުތަކުގައި ހުރި ގޯތިތަކުގައި އުޅޭ މީހުންގެ ތެރެއިން އެގޮތަށް އެއްބަސްވާ ވީހާވެސް ގިނަ ބަޔަކަށް ގޯތި ދޫކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއަހަރު ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންގޮސް، އަހަރު ނިމުމުގެ ކުރިން ގޯތި ލިބޭ ތަން ކަނޑައަޅައި ރަސްމީ ލިޔުން ހަވާލުކުރައްވާނެ ކަމަށެވެ.
"މި މަޝްރޫއު އަޅުގަނޑުމެން މިއަހަރު ތެރޭގައި ކުރިއަށް ގެންގޮސް ގޯތި ލިބޭނެ ތަން ކަނޑައަޅައި ރަސްމީ ލިޔުން ދޭނަން އިނގޭތޯ. މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
މިގޮތަށް މާލެއިން ދޫކޮށްލާ ބިންތައް ސަރުކާރުކާރުން ނެގުމަށްފަހު، އެތަންތަން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެތަންތަން ބޭނުންކުރާނީ ރައީސް ވިދާޅުވި ގޮތުގައި، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ބޭނުންވާނެ ކަހަލަ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށެވެ.