ENGLISH
04 ޖުލައި 2025
ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސް ނިންމަވައިފި
31 މޭ 2025
|
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސިއްހަތު ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.... ފޮޓޯ: ޕީއެސްއެމް
ސަރުކާރު ހޮސްޕިޓަލުތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސްގެ އަރިހުން ރައްޔިތުން އެދިލައްވާފައިވާ ކަމެކެވެ. އެކަން ކުރެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާގެ އެހީގެ ބަދަލުގައި 2000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަން ކަށަވަރު ކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފަށަން ނިންމަވާފައިވާ ކަމަށާއި އެއަށްފަހު، ޕްރައިވެޓް ވިޔަފާރިތަކުން ވެސް ކޮލިޓީ ރަނގަޅު އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
"ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ، ނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސް ވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން" - ރައީސް
ރައީސް ވިދާޅުވީ ސިއްޙީ ދާއިރާ ކުރިއެރުވުމަކީ އެމަނިކުފާނު ދެވަނައަށް އެންމެ އިސްކަންދެއްވާ ސިޔާސަތު ކަމަށެވެ. އަދި މި ދާއިރާއަކީ ހުރިހާ ދާއިރާއަކާ ވެސް ގުޅިލާމެހިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވާނެ ކަމަށެވެ.
ސިއްހީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.