ENGLISH

04 ޖުލައި 2025

Advertisement

ސައްހަ ލިޔެކިޔުން ނެތް 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

31 މޭ 2025

|

ޢަލީ ޝަހީމް

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ތެރެއިން، ސައްހަ ލިޔެކިޔުން ނެތް 25 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މީސްމީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ އެ އިދާރާއިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މެއި 29 ވަނަ ދުވަހު ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ދެތަނުން 102 ބިދޭސީންގެ މައުލޫމާތު ހޯދިކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބިދޭސީންގެ މައުލޫމާތު ހޯދައި، ހެންވޭރުގައި ހުރި ގެއަކުން 7 ބިދޭސީން އަދި މާފަންނު ހަވީރީ ގޯޅީގައި ދިރިއުޅެމުން ދިޔަ ތަނަކުން 18 ބިދޭސީން ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެގޮތުން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ޖުމްލަ 25 ބިދޭސީއަކު ގެންދިޔައިރު، އެމީހުންގެ އަތުގައި ސައްހަ ލިޔެކިޔުން ނެތްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށް ނުގަވައިދުން އުޅެމުންދިޔަ 3 ބިދޭސީއަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެގޮތުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ބަލައި ފާސްކުރީ ބިދޭސީން ދިރިއުޅެމުންދިޔަ އިމާރާތެކެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދައި އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީން އަތުލައިގަތުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު