ENGLISH

04 ޖުލައި 2025

Advertisement

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ފިއްތުންތަކެއް ކަމުގައި ނުދެކުމަށް ރައީސް ގޮވާލައްވައިފި

31 މޭ 2025

|

އިސްމާއީލް ރާތިއު

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދުންފަތާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދުޅަހެޔޮ މުސްތަޤުބަލަކަށްޓަކައި ކުރިއެރުމެއް ކަމަށް ދެކުމަށާއި، ފިއްތުންތަކެއް ކަމުގައި ނުދެކުމަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ގޮވާލައްވާފައި ވަނީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައި ވަނީ، މިއަދު، ދިވެހިރާއްޖެއިން "ޕްރިވެންޓިވް ހެލްތުކެއަރ" ނުވަތަ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ދީފައިވާ އަހަންމިއްޔަތު އާކުރާ ކަމަށެވެ. އަދި 2024 ވަނަ އަހަރު ވޭޕުކުރުން މަނާކުރުމާއި، މި މަހުގެ ތެރޭގައި ތަޞްދީޤުކުރި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙާއެކު، 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވާ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ އެއްވެސް ބޭނުމެއް ކުރުން މަނާވެފައިވާކަން ފާހަގަ ކުރައްވާ، އެމަނިކުފާނު ވިދާޅުވީ މިކަމަކީ ޒުވާން ޖީލުތައް ދުންފަތުން ރައްކާތެރި ކުރުމްށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، މި އެ ބިލު ތަޞްދީޤުކުރައްވާފައި ވާއިރު، މިހާރުވެސް ދުންފަތުގެ އިސްތިޢުމާލުގެ ތެރެއަށް ވަދެފައިވާ ޒުވާނުން އަމިއްލައަށް އެކަމުން ދުރުވުމަށް ވަގުތު ދެއްވާ، އެ މަނިކުފާނު ވަނީ ބިލަށް ޢަމަލުކުރުން 1 ނޮވެމްބަރ 2025 އަށް ލަސްކުރައްވާފަ އެވެ.

ރައީސް ވަނީ، ދުންފަތާއި ނިކޮޓިންގެ ބާވަތްތަކާ ދެކޮޅަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމަޢެއް ބިނާކުރުމަށް ރައީސް ކުރައްވަމުންގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ޚާއްސަ އެވޯޑެއް އަރުވައިފަ އެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިޢުލާން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑަރޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައި ވުމުން، ދިވެހި ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ޑަބްލިއުއެޗްއޯ އިން ފާހަގަކުރައްވާފައި ވެއެވެ. އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުން ވެސް އެޖަމުޢިއްޔާއިން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު