ENGLISH
04 ޖުލައި 2025
ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދުގެ އާ އިމާރާތެއް
30 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދުގެ އާ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު ޕޮޑްކާސްޓް"ގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހުޅުމާލޭގެ ބޮޑު އާބާދީއާ ބަލާއިރު މިވަގުތު ހުރީ މާކުޑަ ހޮސްޕިޓަލެއް ކަމަށެވެ.
ނަމަވެސް ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް އެ ހޮސްޕިޓަލްގެ އިމާޖަންސީ ޚިދުމަތް އިތުރަށް ތަަރައްޤީ ކުރައްވާފައިވާކަން ފާހަގަ ކުރެއްވި އެވެ. ކުރީން ހަތް އެނދު ހުރި އެ ހޮސްޕިޓަލްގެ އިމާޖަންސީ ރޫމްގެ ޚިދުމަތް ފުޅާކުރައްވާ މިހާރު 14 އެނދަށް ބަދަލު ކުރައްވާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އަދި ވިދާޅުވީ އެ ހޮސްޕިޓަލުން ދެމުންދާ ޑައިލިސިސްގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށެވެ. އަމާޒަކީ ޖުލައި މަސް ނިމެންވާއިރަށް އެ މަސައްކަތް ނިންމާލުން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލަށް އާ އިމާރާތެއް އިތުުރު ކުުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ 250 އެނދުގެ ޖާގައިގެ އިމާރާތާކަށް ވާނެ ކަމަށް ވިދާޅުވި އެވެ.