ENGLISH
04 ޖުލައި 2025
ރާއްޖޭގެ ސްކައުޓް ހަރަކާތަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދޭން މަސައްކަތް ކުރާނަން: ރައީސް
30 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ، ސްކައުޓުންނާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ސްކައުޓް ހަރަކާތަށް ވޭތުވެދިޔަ ތަނުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން، ދިވެހިރާއްޖޭގެ ޗީފް އޮފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޗީފް އޮފް ސްކައުޓަށް، ދުނިޔޭގެ ސްކައުޓް ބެޖު އެރުވުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެ ކަންކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ، ރާއްޖޭގެ ސްކައުޓް ހަރަކާތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ، ހަރަކާތުގެ މައި އިދާރާ ހިންގާނެ ރަނގަޅު ޢިމާރާތެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ. ސްކައުޓުގެ މައި އިދާރާ މިހާތަނަށް ހިންގާފައި ވަނީ އެއްތަނުން އަނެއް ތަނަށް ބަދަލުކުރަމުން، ބާވެފަހުރި ޢިމާރާތްތަކެއްގަ ކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ، އެއީ އެކަން ވާން ޖެހޭނެ ގޮތް ނޫންކަން ފާހަގަ ކުރައްވާފައެވެ.
"ވަރަށް ގިނަ ޗެލެންޖްތަކުގަ އުޅެން ޖެހިފަ ހަމަ ޙަޤީޤަތުގަ ވެސް ތި ވިދާޅުވި ގޮތަށް، ވަންނާނެ ޢިމާރާތެއް ނެތި އެކިކަހަލަ ބާވެފަ ހުންނަ ޢިމާރާތްތަކުން އެއްތަނުން އަނެއް ތަނަށް މިހެން ބަދަލުކުރަމުން މިދަނީ. އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ، ފާއިތުވެ ދިޔަ 69 އަހަރު ރާއްޖޭގަ ސްކައުޓް ހަރަކާތް ހިންގި އިރު، ދިވެހި މުޖުތަމަޢަށް ވެސް ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް ސްކައުޓުން ހޯދައިދީފަ ވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ދިމާވެފައިވާ ކުދި ކަންކަމުން ފެށިގެން، ޤައުމީ ކާރިސާތަކުގައި އެހީތެރިވުމުގައި ވެސް ސްކައުޓުން އަދާކޮށްފައިވާ ދައުރު، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ، ޗީފް އޮފް ސްކައުޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ދުނިޔޭގެ ސްކައުޓް ބެޖު އެރުވުމުގެ އިތުރުން، ހަތް ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑު ދީފައެވެ.