ENGLISH

04 ޖުލައި 2025

Advertisement

ފްލެޓް ލިސްޓަށް ބަދަލު ނުގެނައީ ރައީސްއަކީ އަނިޔާވެރި ވާނެ ބޭފުޅަކަށް ނުވާތީ: މުއްތަލިބު

30 މޭ 2025

|

އަޙުމަދު ޙަމީދު

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓަށް ބަދަލު ނުގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަނިޔާވެރި ވެރިއަކަށް ނުވާތީ ކަމުގައި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުގައި ނެރުނު ހިޔާ ފުލެޓު ލިސްޓުން ފުލެޓު ލިބޭނެ ކަމަށް އިޢުލާނުކޮށް ލިޔުން ދެވުނު ފަރާތްތަކުގެ އަތުން އެ ފުލެޓުތައް އަތުލާ އެހެން ބަޔަކަށް ދިން ދިނުމަކީ އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ ޙައްޤު ނިގުޅައިގަނެވިގެން ދިޔަ ކަމެކެވެ.

އަދި ރައީސް ޑރ. މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެފަދަ އަނިޔާވެރި ވެރިއަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ ތެރެއިން ބަޔަކަށް ދީފައިވާ އެެއްޗެއް، އެއީ ފެއިލްވެފައިވާ ސިޔާސަތަކުން ދީފައިވާ އެއްޗެއް ނަމަވެސް، އެ ލިބިފައިވާ ފަރާތަކީ ޝަރުޠު ހަމަވާ ފަރާތެއްނަމަ، އަތުނުލައްވާނެ ކަން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ކަމަށް ބަލާނީ ނޮވެމްބަރު 15، 2023 ގައި ނެރެފައިވާ ލިސްޓް ކަމަށާއި އެ ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ވިދާޅުވެފަ އެވެ.

ވަޒީރު ވަނީ އެ ލިސްޓްގައި ހުރި މައްސަލަތައް ފާހަަގަ ކުރައްވާފަ އެވެ. މުއްތަލިބު ވިދާޅުވީ އެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ދެމަފިރީން ހިމެނޭ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓް އޮތް މީހުން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ އެތައް ބަޔަކު ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެ ގޮތުން އެ ލިސްޓްގައި 391 ދެމަފިރީންނާއި ގޯތި ނުވަތަ ފްލެޓް އޮތް 302 މީހަކު ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު 305 މީހަކު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އޮޅުވާލައިގެން ފްލެޓް ލިސްޓަށް އަރާފައިވާ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. އެކަންކަން ރަނގަޅު ކުރުމަށް ފަހު ފްލެޓް ލިސްޓްގައި ހިމެނޭ މީހުންނަށް ޖުލައި މަސްތެރޭ އެގްރީމަންޓް ހެދުމުގެ މަަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު