ENGLISH

04 ޖުލައި 2025

Advertisement

ހައްޖުވެރިންނަށް ލުފަސޭހަ ކޮށްދިނުމަށް ވެދެއްވި އިހުސާންތެރިކަމަށް ރައީސްގެ އިޚުލާސްތެރި ޝުކުރު ސައުދީ ރަސްގެފާނާއި ވަލީއަހުދަށް

30 މޭ 2025

|

ޝާމަ ޝުޢައިބު

ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އައް ސަޢުދު - ފޮޓޯ: ސަޢުދީ ރޯޔަލް ފެމިލީ ވެބްސައިޓު

މި އަހަރަކީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖެހިގެންދާނެ އެންމެ ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމަށާއި އެކަން ކުރުމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާންގެ އިތުރުން އެ ގައުމުގެ ސަރުކާރުން ވެދެއްވި އިހުސާންތެރިކަމަށް ތަކުރާރުކޮށް، އިޚުލާސްތެރި ޝުކުރެއް ދަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގަައި ރާއްޖެ ހިމެނުމަށް އެ ގައުމުން ނިންމި ނިންމުމަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. 

"މުޅި ދުނިޔެއިން ވެސް 8 ވަނައަށް ބައިވެރި ކުރި ގައުމަކީ ރާއްޖެ. އަށް ވަނައޭ ބުނީމަ ބައެއް ބޭފުޅުން އަހާފާނެ ކޮބާހޭ އަނެއް ހަތް ގައުމަކީ. 20،000 މީހުން ހައްޖަށް ގެންދާ ގައުމުތަކުން އެކަނި، އެއް ކޮންޑިޝަން ކަމަށް ނުރަސްމީކޮށް އަޅުގަނޑަށްް މައުލޫމާތު ލިބިފައޮތީ ރޫޓްގައި ބައިވެރި ކުރުން ވެސް. އަޅުގަނޑުމެންގެ ގައުމުން 1000 މީހުން މި ދަނީ ވެސް. އަޅުގަނޑުމެންނާ އެކު އެގްރީމަންޓެއް ވެސް ނެތް. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެމަނިކުފާނު ވިދާޅުވީ މިހާރު އެ ފުރުސަތު ދީފައިވާ ހަތް ގައުމަށް ވެސް އެ ފުރުސަތު ދީފައިވަނީ ވަރަށް ގިނަ މަރުހަލާތަކުން ގޮސް އެއްބަސްވުންތަކުގައި ސޮއިކުރެވި ވަކި ކަންތައްތަކެއް ހަމަޖެހިގެން ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް އެ ފުރުސަތު ދެއްވުމަށް ސައުދީ ރަސްގެފާނާއި ވަލީއަހުދު ނިންމެވި ނިންމެވުމަކީ ރާއްޖެއަށް ވެދެއްވި ވަރަށް އިހުސާންތެރި އަދި ގާތް ކަމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކަން ހަމަޖެހިގެން ދިޔައީ އެބޭފުޅުންގެ ޓީމެއް ރާއްޖެ ވަޑައިގެން ކުރެއްވި މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން މައްކާއިން ސީދާ ހޮޓަލަށް، އެއްވެސް ވަރަކަށް ޖިއްދާގައި މަޑުކުރުމެއް ނެތި ވަރަށް ފަސޭހަކަމާއެކު ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެ ސަރުކާރުން ގުޅިގެން ގިނަ ކަންތައްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ފަހާ ޖެހެންދެން ވެސް މިނާގައި ދިވެހިން ތިބެމުން އައީ ވަރަށް އާދައިގެ ޓެންޓުތަކުގައި ކަމަށެވެ. އެހެން ނަމަވެސް މިކަމަށް ވެސް ނިމުމެއް ގެނަސްދެއްވާ ވަރަށް ފެންވަރު ރަނގަޅު އިންތިޒާމްތަކެއް ސައުދީ ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅިވިއެވެ. 

"މިނާގަ އެ ހޭދަކުރާ ދުވަސްތަކަކީ ހަމަ ވަރަށް މުހިއްމު ދުވަސްތަކެއް. އަރަފާތަށް ދިއުމުގެ ކުރިން މިނާއަށް އެބަދޭ. އަރަފާތަށް ދަނީ މިނާގަ ތިބެފަ. ޖަމްރާއަށް ހިލައުކުމާ މިކަންކަމުގަ ހޭދަކުރާ ދުވަސްތަކުގަ މިނާގަ ތިބޭތިބުން މިއީ ވަރަށް ގިނަ މީހުން މާލެ އަންނައިރު ބަލިވެފަ ތިބުމާ ނުތިބުމުގައި ވެސް އެދުވަސްކޮޅު އެބަދޭ. ފާހަނާތަކާ ތަންތަން ހުންނަ ގޮތުގެ ސަބަބުން. މި ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް މިފަހަރު ހަމަޖެހިފަ މިއޮތީ. ވަރަށް ފެންވަރު ރަނގަޅު. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ހައްޖުވެރިން މަދީނާއަށް ދާނީ މައްކާގައި ހައްޖުގެ ހުރިހާ އަޅުކަމެއް އަދާކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން ހައްޖާޖީން މަދީނާއަށް ދާނީ ވަދާޢީ ތަވާފު ވެސް ކުރުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ ކުރިން އެ އިންތިޒާމު ރޭވިފައިވީ ހައްޖުވެރިންނަށް ދަތިވާ ގޮތަށް ކަމަށާއި ދިގު ދަތުރުތައް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން ހައްޖާޖީންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާއިރު އަލަށް ކުރެވުނު އިންތިޒާމާއެކު މިކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ކުރީގަ ވިއްޔާ މައްކާއަށް ގޮސްފަ މަދީނާއަށް ގޮސްފައި އަނެއްކާ އެނބުރި މައްކާއަށް ގޮސް މިކަހަލަ ގޮތަކަށް ދެކޮޅަށް ދަތުރުކުރަން ބަހުގައި 10 ގަޑިއިރު 12 ގަޑިއިރު އެންމެ ކުޑަ ވެގެން ވެސް އަށް ގަޑިއިރު. ބަސްތަކުގެ ހާލަތު އެހާ ދަށް. އެހެން ނަމަވެސް މިކަމުގަ އަޅުގަނޑުމެން މިފަހަރު ހަމަޖައްސާފަ މިއޮތީ މައްކާއިން މަދީނާއަށް ދާނީ ސީދާ ހަމަ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައޭ ދާނީ. އެއީ ދެގަޑިއެއްހާއިރުގެ ދަތުރެއް. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ބަލިތައް ޖެހުމާ، ވަރުބަލިވެ މީހާ ބަލިވާވުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސައުދީ އަރަބިއްޔާގެ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމުގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ވަރަށް ގިނަ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މިއީ ހައްޖަށް ދާ ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެ ހައްޖުގެ އަޅުކަމުގެ ތަކުލީފުތައް ކުޑަވާނެ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު