ENGLISH

04 ޖުލައި 2025

Advertisement

ދުންފަތުގެ ޓެކްސް ބޮޑުކުރީ އާމްދަނީ އިތުރުކުރާކަށް ނޫން، އެ ފައިސާ ބޭނުންކުރާނީ ސިއްހީ ނިޒާމު ހަރުދަނާ ކުރަން: ރައީސް

30 މޭ 2025

|

ޝާމަ ޝުޢައިބު

ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑު ކުރީ އާމްދަނީ އިތުރުކުރަން ނޫން ކަމަށާއި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރާ ކަމެއްކަން ފާހަގަކުރައްވާ އެކަމުން ލިބޭ ފައިސާ ބޭނުން ކުރާނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުވެގެން ދިއުމާއެކު އެ ޤާނޫނުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ވަރަށް ގިނަ އިޖުރާއީ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ މިކަން ކުރުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ޤާނޫނުތަކެއް އެކަނި ނޫން ކަމަށެވެ. މިއީ މުޅި ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ކަމަށްޓަކައި ކުރެވޭ ކަމެއް ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބައެއް މީހުން ހަމަ ބުނޭ ކީއްކުރަންހޭ އެހެންވެއްޖެޔާ ޓެކްސް ނަގަނީ. އާމްދަނީ ހޯދަނީ. ކޮންމެގޮތެއް ވިޔަަސް އެއްކޮށް އަދި ދުންފަތުގެ ބާވަތްތައް އެތެރެކުރުން މަނާ ނުކުރެވޭނެ. އެއީ އަޅުގަނޑުމެންގެ ކަށީގަ ހިފާފައިވާ ވަރަށް ގިނަ މީހުން ބޭނުންކުރާ އެއްޗެއް. އެހެންވީމަ ބައިބަޔަށް ނޫނިއްޔާ މަރުހަލާތަކެއް މި ގެންދަން ޖެހެނީ. އެހެންވީމަ ރާއްޖެއަށް އެތެރެކުރުން ހުއްދަކަމަށް ވާނަމަ އަގުބޮޑު ކޮށްފަ އެއޮތީ. އަދި މިހާރު އަދިވެސް އެތެރެކުރަންޏާ އެތެރެކުރާ އެއްޗަކުން އާމްދަނީއެއް ނުވަތަ ޓެކުހެއް ދައްކަން ޖެހޭނެ. އެ ދައްކާ ފައިސާ އަޅުގަނޑުމެންގެ ސިޔާސަތަކަށް ކަނޑައަޅާފަ މިއޮތީ ސިއްހީ ދާއިރާ ވަރުގަދަކުރަން ބޭނުންކުރަން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތައް އަގުބޮޑު ކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރާނީ ބޭނުންކުރާނީ ޕްރިވެންޓިވް ހެލްތު ކެއާރ އަދި ކިއުރެޓިވް ހެލްތު ކެއާގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ. އެގޮތުން ބަލިތަކުން ދުރުވުމަށް ރައްޔިތުން ހޭލުންތެރިކުރުުވުމާ ބަލި ޖެހުމުން ދެވޭ ފަރުވާދިނުމުގެ ނިޒާމު ވަރުގަދަ ކުރުމަށް އެ ފައިސާ ބޭނުންކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ޖީލު މި ވަބާއިން ސަލާމަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރި އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީޚީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. 

ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ރާއްޖެ ހެއްދެވުމަށް ރައީސް އަޅުއްވަމުންދާ ފިޔަވަޅުތައް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އެމަނިކުފާނަށް ޚާއްސަ އެވޯޑެއް އަރުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު