ENGLISH
04 ޖުލައި 2025
އޭޖީ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަނީ
30 މޭ 2025
|
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް (ފޮޓޯ/ ރައީސް އޮފީސް)
އެޓާނީ ޖެނެރަލްގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމަށްޓަކައި، އިއްޔެ ތަސްދީގުކުރެވުނު ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން އެ އޮފީހުން ހާމަކޮށްފި އެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ދަށުން އެޓާރނީ ޖެނެރަލްގެ އޮފީސް ވަކިކޮށް، ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް މިމަހުގެ 15 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ތަސްދީގުކުރައްވާފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، އިއްޔެ އިން ފެށިގެން 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
އެ ގާނޫނަކީ އެޓާނީ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ ހިންގުމުގެ އޮނިގަނޑު އެކުލަވާލާފައިވާާ ގާނޫނަށްވާއިރު، އެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް އޭޖީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އެގޮތުން، އެކަމާ ކަމާގުޅޭ އިސްލާހުތައް އެކުލަވާލައި، އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފެށުމާއެކު ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ސިވިލް ސާވިސްގެ ދަށުން ހިންގަމުންދާ އޭޖީ އޮފީހަށް ފަންނީ މުވައްޒަފުން ހޯދުމަށާއި މުސާރައިގެ ކުރިއެރުން ލިބުން ދަތިވުމުގެ ޝަކުވާތައް ހައްލުކުރުމަށްޓަކައި ހުށަހެޅި މި ބިލާއެކު، އޭޖީ އޮފީސް ދެން ހިނގަމުންދާނީ ސިވިލް ސާވިސްގެ އޮނިގަނޑުން ބޭރުން ވަކި ޚިދުމަތެއްގެ ގޮތުގަ އެވެ. މިއީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެކެވެ.
މި ބިލާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ.