ENGLISH

04 ޖުލައި 2025

Advertisement

ރެކޯޑް އަދަދެއް: މިދިޔަ ދޮޅުއަހަރު ސިއްޙީ ދާއިރާ އިން 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢު

29 މޭ 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ދޮޅުއަހަރު ސިއްޙީ ދާއިރާގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާ އެގޮތުން 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢު ފެށިގެން ކުރިއަށްދާާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ނަސަންދުރަ ބާސެލޯ ގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަން ދޭ އެއް ދާއިރާ އަކީ ސިއްޙީ ދާއިރާ ކުރިއަށް ގެންދިއުން ކަމަށެވެ. ޚާއްސަކޮށް ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެކަށީގެންވާ ސިއްޙީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ވީރާނާވަމުންދާ ސިއްޙީ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ހުންނަ ލެބޯޓަރީ ފަދަ ތަންތަނުގެ ޚިދުމަތް ރަނގަޅުކޮށް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ 18 މަސް ދުވަސްތެރޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިއްޙީ ދާއިރާ އިން އެކަނިވެސް 60 މަޝްރޫޢުއެއް ފެށިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 18 މަޝްރޫޢު އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި ހުރި ހޮސްޕިޓަލްތަކުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތަކެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ގާތްގަނޑަކަށް ހަތަރުހާސް ތިންސަތޭކަ މިލިއަން ނުވަތަ 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަމައެކަނި ސިއްޙީ ދާއިރާގައި މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެބަ ކުރިއަށްދޭ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ސަރަޙައްދުގައި ހުރި ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކުން ލިބޭ ފަރުވާގެ ފެންވަރު މަތި ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާ އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު