ENGLISH
04 ޖުލައި 2025
ކުރީ ސަރުކާރުން ހެދި ފްލެޓް ލިސްޓްގައި ގިނަ ގޯސްތަކެއް، ރަނގަޅު ކުރަނީ
29 މޭ 2025
|
މިހާރު އަޅަން ފަށާފައިވާ ފްލެޓްތައް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓްގައި ގިނަ ގޯސްތަކެއް ހުރި ކަމަށާއި އެ ކަންކަން ރަނގަޅުކޮށް ލިސްޓްގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ކަމަށް ބަލާނީ ނޮވެމްބަރު 15، 2023 ގައި ނެރެފައިވާ ލިސްޓް ކަމަށާއި އެ ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ވިދާޅުވެފަ އެވެ.
ވަޒީރު ވަނީ އެ ލިސްޓްގައި ހުރި މައްސަލަތައް ފާހަަގަ ކުރައްވާފަ އެވެ. މުއްތަލިބު ވިދާޅުވީ އެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ދެމަފިރީން ހިމެނޭ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓް އޮތް މީހުން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ އެތައް ބަޔަކު ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެ ގޮތުން އެ ލިސްޓްގައި 391 ދެމަފިރީންނާއި ގޯތި ނުވަތަ ފްލެޓް އޮތް 302 މީހަކު ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު 305 މީހަކު ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އޮޅުވާލައިގެން ފްލެޓް ލިސްޓަށް އަރާފައިވާ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. އެކަންކަން ރަނގަޅު ކުރުމަށް ފަހު ފްލެޓް ލިސްޓްގައި ހިމެނޭ މީހުންނަށް ޖުލައި މަސްތެރޭ އެގްރީމަންޓް ހެދުމުގެ މަަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.