ENGLISH

04 ޖުލައި 2025

Advertisement

ޅ. ވައްވަރު ބޭރުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ކަނދުފައްޗެއް އަޅައިފި

29 މޭ 2025

|

މުޙައްމަދު އަދުހަމް

ޅ. ވައްވަރު ކަނދުފަތި އެޅުމުގެ މަސައްކަތުގެތެރެއިން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ

ޅ. ވައްވަރު ބޭރުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ވަދު ކަނދުފައްޗެއް ޤާއިމުކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކަނދުފަތި އަޅާފައިވަނީ ޅ. ވައްވަރުގެ ހުޅަނގުން 4.2 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ، D09V05  އެވެ.

މިއީ އެ ވުޒާރާގެ ފަރާތުން ޅ. އަތޮޅުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަކޮށް ޤާއިމުކުރި ދެވަނަ ކަނދުފައްޗެވެ. މީގެކުރީން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޅ. އޮޅުވެލިފުށީގެ ދެކުނުން ފަސް މޭލު ބޭރުގައި ވަނީ ވަދު ކަނދުފައްޗެއް ޤާއިމުކޮށްފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

ޅ. ވައްވަރު ބޭރުގައި ޤާއިމުކޮށްފައިވާ ކަނދުފަތި އޮތް ސަރަހައްދު. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.

އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތި އަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. މިކަނދުފަތިތައް ހުންނަނީ ފަސޭހައިން ފެންނަ ގޮތަށް ރީނދޫ ކުލައިގައެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު