ENGLISH

04 ޖުލައި 2025

Advertisement

ގެދޮރުވެރިޔާ ސްކީމް: ފައިނަލް ލިސްޓް ކަމަށް ބަލާނީ ނޮވެމްބަރު 15، 2023 ނެރުނު ލިސްޓް

29 މޭ 2025

|

އަޙުމަދު ޙަމީދު

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް. --ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ކަމަށް ބަލާނީ ނޮވެންބަރު 15، 2023 ގައި ނެރެފައިވާ ލިސްޓް ކަމަށާއި އެ ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ވަޒީރު މިއަދު ވެސް ވިދާޅުވީ ސަރުކާރުން މިހާތަނަށް އަބަދުވެސް ބަލަމުން އައީ ފްލެޓަށް ޙައްޤު އެއްވެސް މީހަކު އެކަމުން މަޙްރޫމް ނުކުރުމަށް ކަމަށެވެ. އަދި އެންމެ ޙައްޤު މީހުންނަށް ފެލްޓް ދިނުމަށް ކަމަށެވެ.

އެގޮތުން މިހާރު ސަރުކާރުން އަމަލު ކުރަން ނިންމާފައިވާ ގޮތަކީ 4000 ފްލެޓް ލިބޭ މީހުންގެ އާ ލިސްޓެއް ނުނެރުން ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ކުރީން ހަދާފައިވާ ލިސްޓަކީ ފައިނަލް ލިސްޓް ކަމަށް ބެލުން ކަމަށެވެ.

"ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" ވަޒީރު މުއްތަލިބު މިއަދު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ފައިނަލް ލިސްޓް ކަމަށް ބަލާނީ ނޮވެމްބަރު 15, 2023 ގެ ލިސްޓް ނަމަވެސް އެ ލިސްޓާއި ގުޅިގެން އޭސީސީން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ފްލެޓް ހަވާލު ކުރުމުގެ ކުރީން އެ ލިސްޓްގައި ތިބީ ޝަރުތު ހަމަވާ މީހުންތޯ ޔަޤީން ކުރައްވާނެ ކަމަށެވެ. އަދި ޝަރުތު ހަމަނުވާ ނަމަ ލިސްޓުން އުނިކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީރު ވަނީ މާލޭގައި 15 އަހަރު އުޅުކަން ސާބިތުކޮށް ދިނުމަށް އޮތް ދަތިކަން ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން 2007 ވަނަ އަހަރުގެ ކުރީން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ޝަރުތުހަމަވާ މީހެއް ކަމަށް ބަލާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު މިއަދު ވެސް ވިދާޅުުވީ ރައީސް މުޢިއްޒުގެ ސިޔާސަތަކީ ފްލެޓްގެ ޙައްގުން އެއްވެސް ރައްޔިތަކު މަޙްރޫމް ނުުކުރުން ކަމަށެވެ. އަދި ޙައްގުވެރީންނަށް ފްލެޓް ޔަޤީން ކޮށް ދެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު