ENGLISH
03 ޖޫން 2025
އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޖަނާހު
29 މޭ 2025
|
އައިޝާ ނޫރައިން ޖަނާހު - ފޮޓޯ: އެޑިޝަން އެމްވީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު އައްޔަނު ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 29 މެއި 2025 ވަނަ ދުވަހު، އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ހ. ސީސައިޑް އައިޝާ ނޫރައިން ޖަނާހު އައްޔަނުކުރެވިފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ ނޫރައިން އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު ޢަލީ ޖަނާހު ދަރިކަނބަލުންނެވެ. ނޫރައިން އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް އައްޔަނު ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ނަމަވެސް ފާއިތުވި 2024 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ނޫރައިން ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.
އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި ވެސް އަދާކުރައްވައިފައިވާ ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. ނޫރައިން އަކީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރެވުނު ފުރަތަމަ އަންހެން ޗެއާޕާސަން ވެސް މެއެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.