ENGLISH

04 ޖުލައި 2025

Advertisement

ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ޑިފެންސްގެ ދަށަށް

29 މޭ 2025

|

އަޙުމަދު ޙަމީދު

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ. އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް މިއަދުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފަ އެވެ.

މިގޮތުން މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރު ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ ގޮތުން އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުންވެސް މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުންވެސް، ޖުމްލަ 10 ކަމެއް ހިމެނޭހެން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު