ENGLISH

04 ޖުލައި 2025

Advertisement

ކުޅުދުއްފުށީ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

29 މޭ 2025

|

ޢަލީ ޝަހީމް

ކުޅުދުއްފުށީގައި އަލަށް އަޅާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. ފޮޓޯ: މިނިސްޓްރީ

ކުޅުދުއްފުށި ސިޓީގައި މުޅިން އަލަށް ސަރުކާރުން އަޅާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. 

ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއްޔެ ހަވީރެވެ. ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ އިތުރުން އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

ކުޅުދުއްފުށީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރު އަޅާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އިއްޔެގެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ވެސް ބައިވެރިވެވަޑައިގަތެވެ. 

ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ކުޅުދުއްފުށީގައި ތަރައްގީކުރާނީ 35،777.88 އަކަފޫޓުގެ ބިމެއްގައެވެ. އެ ސެންޓަރު ނިމޭއިރު ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖައްސާނެއެވެ. އެގޮތުން އެ އިމާރާތުގައި މަލްޓި-ޕާޕަސް ހޯލަކާއެކު 7 ކްލާސްރޫމް ހިމެނޭ އައިސީޓީ ލެބެއް ހުންނާނެއެވެ. އަދި، އިދާރީ ޚިދުމަތްތަކަށް ހާއްސް ރޫމްތަކާއި، ކުތުބުޚާނާއެއް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އޮޑިޓޯރިއަމްވެސް އެ ސެންޓަރުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ތަރައްޤީކުރަނީ 32 ކޮޓަރި ހިމެނޭ ދަނާލަކާ އެކުއެވެ. އެގޮތުން ދަނާލުގައި ދަރިވަރުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. 

ކުޅުދުއްފުށި ސިޓީއަކީ އެ ސަރަހައްދުގެ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ރަށެކެވެ. އަދި، އެރަށުގައި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ކޯސްތައް ހިންގާއިރު، ރަށުން ބޭރުން ގިނަ އަދަދެއްގެ ކުދިން ތައުލީމު އުނގެނުމަށް އެރަށަށް ދެއެވެ. 

ވަޒީރު ޑރ ޢަލީ ޙައިދަރު އަޙްމަދު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއްގައި ވެސް ބައިވެރިވަޑައިގަތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. 

ކިޔުންތެރިންގެ ހިޔާލު