ENGLISH
09 ސެޕްޓެމްބަރު 2025
މި އަހަރުގެ ބޮޑުބެރު ޗެލެންޖުގެ ޗެމްޕިއަންކަން "1438" އަށް
29 މޭ 2025
|
ހަ ޓީމަކާ ވާދަ ކޮށްގެން މިއަހަރު ކުރިޔަށް ދިޔަ ބޮޑުބެރު ޗެލެންޖުން އެއް ވަނަ، ބޮޑުބެރު ގްރޫޕް "1438" ހޯދައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިސް ނެގުމާ އެކު ބިޒްނަސް ސެންޓަރް ކޯޕަރޭޝަން (ބީސީސީ) އާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބޭއްވި ބޮޑުބެރި ޗެލެންޖު ކުރިއަށް ދިޔައީ މި މަހު 24 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިވެންޓް ކުރިއަށް ދިޔައީ، އަހަރުތަކަކަށް ފަހު ބޭއްވި ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅިގެންނެވެ.
ފައިނަލްގައި ވަނީ ތިން ޓީމު ވާދަކޮށްފައެވެ. މިއިން ކޮންމެ ޓީމަކުންވެސް ވަނީ ތިން ލަވަ ހުށަހަޅާފައެވެ. މީގެތެރެއިން އެއްވަނަ ލިބުނީ "1438" އަށެވެ. ދެވަނަ ލިބުނީ ހޭވައްލާ އަށެވެ. އަދި ތިންވަނަ އަށް ދިޔައީ ރިދަމް ބޮޑުބެރު ގްރޫޕަށެވެ.
މުބާރާތުގެ އެއް ވަނަ ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެ ވަނަ ޓީމަށް 50،000 ރުފިޔާ އަދި، ތިން ވަނަ ޓީމަށް 25،000 ރުފިޔާގެ ފައިސާ އިނާމު ވަނީ ދީފައެވެ.
މީގެއިތުރުން ބެލުންތެރި ހޮވި އެންމެ މަޤުބޫލު ބޮޑުބެރު ޓީމަށް 25،000 ރުފިޔާ ދީފައިވެއެވެ. ބެލުންތެރިން ހޮވީ ރިދަމް ގްރޫޕެވެ. އަދި އިނާމުތައް ޙާސިލުކުރި ކޮންމެ ޓީމަކަށް ވެސް ޓްރޮފީ ވެސް ހަވާލުކޮށްފައިވެއެވެ.
އެންމެ މޮޅު ބޮޑުބެރު ގްރޫޕްގެ އިތުރުން މި މުބާރާތުގައި އެންމެ މޮޅު ބެރުވެރިޔާ، ނަގާކިޔުންތެރިޔާ، ޒުވާބު އަދި ނެށުންތެރިޔާ ވެސް ހޮވިއެވެ.
ބީސީސީން ބުނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޮޑުބެރު މުބާރާތެއް ކުރިއަށްގެންދަން ނިންމީ، ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމުގެ މަޤްޞަދުގައި ކަމަށެވެ.
މި މުބާރާތުގައި ޓީމުތަކުން ވަނީ ކާސިމަޖާއާއި ބަބުރާއި ޒަމާނީ ލަވަތަކާއި ތިންބެރުގެ ލަވަތައްފަދަ ދިވެހި ސަގާފީ ބޮޑުބެރުގެ މުހިންމު ބައިތަކެއް ހުށަހަޅައިދީފައެވެ.