ENGLISH

03 ޖޫން 2025

Advertisement

މިދިޔަ އަހަރު ލިބުނު 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ ރެކޯޑެއް: ބީއެމްއެލް

29 މޭ 2025

|

ޢަލީ ޝަހީމް

ރޭ ބާސެލޯސް ނަސަންދުރާގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2024 ވަނަ އަހަރު ޓެކުހަށް ކަނޑާފައި ލިބުނު 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ އެ ބޭންކުގެ ތާރީޚުގައި ރެކޯޑެއް ކަމަށް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

ބީއެމްއެލްއިން ރޭ ވަނީ އެ ކުންފުނީގެ 42 ވަނަ އަހަރު އަހަރީ އާއްމު ޖަލްސާ ބާސެލޯސް ނަސަންދުރާގައި ބާއްވާފައެވެ. އެ ޖަލްސާގައި ސީއީއޯ މުޙައްމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ ބޭންކުގެ ހަރުދަނާ ހިންގުމާއި، ހޯދާފައިވާ ޑިޖިޓަލް ކުރިއެރުންތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ. 

"2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށްފަހު ހޯދި 2.23 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެއް. ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގައި. ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަނުގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 އިންސައްތަ. މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލްއަށް ކުރައްވާ އިތުބާރު،" ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. 

މުޙައްމަދު ޝަރީފް އިތުރަށް ވިދާޅުވީ، އެ ބޭންކުގެ މާލީ މުއާމަލާތްތަކުގެ 99 އިންސައްތަ މިހާރު ހިންގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ. އެއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކަމަށާއި، އެ މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި ކަމަށް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. 

ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ ޖަލްސާ

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މި ސަރަހައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް. އަޅުގަނޑުމެން ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް އެބަހުރި. ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރާ ޓީމަކީ، އަބަދުވެސް އަޅުގަނޑުމެންގެ އެންމެ މުހިންމު ރައުސްމާލު. ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަޅުގަނޑުމެންގެ ވަފާތެރި މުވައްޒަފުންނާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އެ މުވައްޒަފުންގެ ވަފާތެރިކަމާއި، ބުރަ މަސައްކަތުން ކޮންމެ ދުވަހަކުވެސް ބޭންކު ކުރިއަށް މިދަނީ ބާރު ދުވެލީގައި. އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓް ކުރުމުން، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރުވެރިކަމެއް ލިބޭ،" މުވައްޒަފުންގެ މަސައްކަތަށް ތައުރީފުކުރައްވަމުން މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. 

ރޭގެ ޖަލްސާގައި ބީއެމްއެލްއިން ވަނީ ހިއްސާއަކަށް 55 ރުފިޔާ ބަހަން ނިންމައިފައެވެ. އެގޮތުން 2024 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ގޮތުގައި ބެހުމަށް ނިންމީ 296 ރުފިޔާއެވެ. 

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ވަނީ 497 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައެވެ. 

ކިޔުންތެރިންގެ ހިޔާލު