ENGLISH

05 ޖުލައި 2025

Advertisement

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މެއިން ސްޕޮންސަރ އަކަށް ބީއެމްއެލް

20 މޭ 2025

|

އިސްމާއީލް ރާތިއު

ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ބޮޑު މައުރަޒު، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައިފިއެވެ.

މިއަދު ބެންކުގައި މިކަމަށް ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިސްނެންގެވުމުގެ ދަށުން ބޭއްވިގެންދާ މި މައުރަޒުގައި 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާއިރު، މިހާރު ކުރިއަށްދަނީ މައުރަޒުގައި ހިމެނޭ ޑިސްޓްރިކްޓުތަކުގެ މަސައްކަތް ނިންމާ، ވިޔަފާރިތަކާ ޙަވާލުކުރުމުގެ މަސައްކަތެވެ. އަދި މައުރަޒުގައި ބައިވެރިކޮށްފައިވާ ތަކެތި ޖަޖު ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމިފައެވެ.  

މައުރަޒުގައި ބައިވެރިވެފައިވާ ދާއިރާތައް:

- އަމިއްލަ ފަރުދުންގެ ދާއިރާ

- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ދިވެހި ވިޔަފާރިތަކުގެ ދާއިރާ

- ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ

- ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

- ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަ ކުގެ ދާއިރާ

- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

- ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

މީގެ އިތުރުން މިއަހަރު އަލަށް ތަޢާރަފްކުރި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ތަކުގެ ދާއިރާއިން މައުރަޒަށް ތަކެތި ހުށަހަޅާފައި ވެއެވެ.

މި މައުރަޒުވެގެންދާނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދީ، މައުރަޒުގައި ބައިވެރިވާ ބޭރުގެ އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށްވެސް ދިވެހި ފަންނުވެރިކަން އިސްތިހާރު ވެގެން ދާނެ މައުރަޒަކަށެވެ. ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާހަމައަށް ގިނަ ރަށްތަކަކުން މައުރަޒަށް ތަކެތި ހުށަހަޅާފައިވާއިރު، އެންމެ ގިނައިން ތަކެތި ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނާއި މާލެ ސިޓީންނެވެ.

މައުރަޒު ކުރިއަށްދަނީ މި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކިޔުންތެރިންގެ ހިޔާލު