ENGLISH

19 މޭ 2025

Advertisement

އޮފީސް ފުޓްސަލް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ އަށް

10 މޭ 2025

|

މުޙައްމަދު އަދުހަމް

ސްޓެލްކޯ އިން މުބާރާތުގެ ޓްރޮފީއާއެކު. --ފޮޓޯ: އޮފީސް ލީގު / އިމޭޖަސް.އެމްވީ

އޮފީސް ފުޓްސަލް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.

ސްޓެލްކޯ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި ސްޓެލްކޯ އިން ވަނީ ޕޮލިސް ކްލަބު 2-0 އިން ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ސްޓެލްކޯ އިން ލީޑު ނެގީ ތިންވަނަ މިނެޓުގައި ޒައިދާން އަބްދުﷲ ވައްދާލި ލަނޑުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ފުރަތަމަ މިނެޓުގެ ތެރޭގައި ސްޓެލްކޯގެ ދެވަނަ ލަނޑުޖެހީ މުއާޒް އަލީ އެވެ. އޭނާ މި ލަނޑުޖެހީ ޕޮލިސް ކްލަބުގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މެޑެލް ދީފައިވާއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމަށް ހަތަރު ކުޅުންތެރިން ހޮވިފައިވެއެވެ. އެއިން ކޮންމެ ކުޅުންތެރިއަކު ވަނީ 8 ލަނޑު ޖަހައިފައެވެ. އެ މަގާމަށް ހޮވުނު ކުޅުންތެރިންނަކީ؛ ވެމްކޯގެ އަބްދުﷲ ފިޒާން، ކަސްޓަމްސްގެ ހޫދު އަބްދުﷲ، ޝީޝާގެ ޔާމިން އަލީ އަދި ޓްރޭޑް ކްލަބުގެ ހުސެއިން ފައުޒާން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސްޓެލްކޯގެ ދެ ކުޅުންތެރިއަކާއި ޕޮލިސް ކްލަބުގެ ތިން ކުޅުންތެރިއަކު ހިމެނުނެވެ. ސްޓެލްކޯ އިން ގަދަ ފަހެއްގައި ހިމެނުނީ؛ ޒައިދާން އާއި މުއާޒް އެވެ. ޕޮލިސް ކްލަބުން މި ލިސްޓުގައި ހިމެނުނީ؛ ގޯލްކީޕަރު ހަސަން އަލީފްގެ އިތުރުން އަޖުލާން އަބްދުލް ހަމީދު އާއި އަބާން މުޙައްމަދެވެ.

އޮފީސް ލީގުގެ ފުރަތަމަ މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ސްޓެލްކޯގެ މުޙައްމަދު ވިލްފް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ސްޓެލްކޯގެ އުސްމާން ނަސީރު (އޮއިލޭ) އެވެ.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އޮފީސް ލީގުގެ ފުރަތަމަ މުބާރާތުގައި 29 ޓީމަކުން ވާދަކުރިއެވެ. މިއީ މާލެ ސަރަހައްދުގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބިގް ގޭމް މޯލްޑިވްސް އިން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު