ENGLISH

09 މޭ 2025

Advertisement

ޕާކިސްތާނުގެ ޙަމަލާއެއްގެ ނުރައްކަލަށް އިންޑިޔާގެ އުތުރުގެ 24 އެއަރޕޯޓެއްގެ އުދުހުންތައް މެދުކަނޑާލައިފި

09 މޭ 2025

|

ހަސަން އާމިރު

ޕާކިސްތާނުން ދީފާނެ ވައިގެ ޙަމަލާއެއްގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިންޑިޔާގެ އުތުރުގެ 24 އެއަރޕޯޓެއްގެ އާންމު އުދުހުންތައް މެދުކަނޑާލާފައިވާ ކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެވެ.

އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ އެ ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.

މިދިޔަ ބުދަ ދުވަހު ދިން ވައިގެ ޙަމަލާތަކުގައި ހަނގުރާމަވެރިން ތިބި ނުވަ ކޭމްޕަކަށް ޙަމަލާދީފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.

އެ ޙަމަލާ އާއި އޭގެ ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި މިހާތަނަށް ދެ ފަރާތުން 50 އަށް ވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ.

ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތާ ގުޅިގެން، އިންޑިޔާ ސަރުކާރުން އެ ޤައުމުގެ އުތުރުގައި ހުރި 24 އެއަރޕޯޓެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އޭގެ ތެރޭގައި ޖޫދުޕޫރު އަދި އަމްރިތުސަރުގެ އެއަރޕޯޓުތައް ހިމެނެއެވެ.

އިންޑިޔާއިން ދިން ޙަމަލާއާ ގުޅިގެން، އިންޑިޔާގެ އެންމެ ބޮޑެތި އެއަރލައިންތައް ކަމަށްވާ އެއަރ އިންޑިޔާ، ސްޕައިސްޖެޓް އަދި އިންޑިގޯ އިން ވަނީ 100 އަށް ވުރެ ގިނަ ފްލައިޓު މިހާތަނަށް ކެންސަލްކޮށްފައެވެ.

އިންޑިޔާ ސަރުކާރުން އުތުރުގެ އެއަރޕޯޓުތަކުގެ އާންމު އުދުހުންތައް މެދުކަނޑާލާފައިވަނީ ވަގުތީ ގޮތުން ކަމަށާއި، މާދަމާގެ ވަގުތެއްގައި އެ އެއަރޕޯޓުތައް އަލުން ހުޅުވާލޭނެ ކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދޭން، ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ އާއި ޕާކިސްތާނަށް ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު